ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 5 ފަރާތެއް ފޮނުވަން ނިންމާ އެކަމުގެ ލިޔުން މިނިސްޓްރީ އޮފް ހެލްތުން އެފަރާތްތަކާ ހަވާލުކުރައްވައިފިއެވެ.
މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާ ވީހާވެސް ލުއިގޮތެއްގައި ފޯރުވައިދެއްވުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން އެއަމާޒަށް ވާސިލްވުމަށް ގިނަކަންތައްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަން ހެލްތު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި، ތެލެސީމިއާ އައު ސެންޓަރެއް ޤާއިމްކުރުމަށްޓަކައި ހުޅުމާލެއިން އައު ބިމެއް ހޯދައި އެބިމުގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ އައު އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިތަނުގައި ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ލިބެން ފެށުމާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއިމާރާތުގައި ބްލަޑް ބޭންކްގެ ޚިދުމަތް ޤާއިމްކޮށް އެޚިދުމަތް ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭ ހުރިހާ މަރުކަޒަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ތެލަސީމިއާ ކުދިންނަށް ބޭނުންވާ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫޢެއް. ތެލެސީމިއާ ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެކި ގައުމުތަކުން މި ޚިދުމަތް ދެމުންގެންދާ ގޮތް ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ގިނަ މަސަަައްކަތްތަކެއްވަނީ ކޮށްފައި. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިފަހަރު ބޯންމެރޯ ހަދަން ދާ ތެލެސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދުކުރަން. އަދި އެކުދިންނަށް ފާގަތި މުސްތަގުބަލަކަށް އުންމީދުކުރަން". ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.
ތެލެސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުންކަމަށް ވާއިރު، މިފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަންޖެހޭކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކުއްޖާއާ ދިމާވާ ޑޯނަރެއް ބޭނުންވުމުގެ އިތުރުން ކަނޑައެޅިފައިވާ ޚާއްސަ ކަންކަމަށް ސަމާލުވާންޖެހެއެވެ.
އެގޮތުން ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދިނުމާއި ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާރވިސަސްއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ތެލެސީމީއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ.