ޚަބަރު

ވިއްސާރައިގައި ކުރެންދޫގެ ހުރިހާ ގެތަކަށް ފެންވަދެ ގެއްލުން


  • ރެއިންފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުން

  • ކުރެންދޫގައި ފެންބޮޑުވެ، ޖުމްލަކޮށް ރަށުގެ ހުރިހާ ގެއަކަށްވަނީ އެކިވަރުގެ ގެއްލުން ލިިބިފައި

  • ފެން ހިންދުމާއި އިތުރު އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން

ރޭ ކުރި ވިއްސާރައިގައި ޅ.ކުރެންދޫގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

ރޭ ދަންވަރު އައި ވިލާގަނޑުގައި ކުރެންދުއަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. ކައުންސިލް މެންބަރު ޙުސައިން ޒާހިދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ޖުމްލަކޮށް ހުރިހާ ގެއަކަށްވެސް ފެން ވަދެ ގެއްލުންވެފައިވާކަމަށެވެ.

އެގޮތުން ގޭގޭގެ އަގުބޮޑު ފަރުނީޗަރާ ހިފާގެންގުޅޭ ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށެވެ. ބައެއް ހިސާބުތަކުގައި ފޫޓަކާއި ގާތްކުރާވަރަށް ފެން ހެދިފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބަލާ، ރެއިން ފެށިގެން ރަށުގެ ބައެއް ގެތަކުން ކަރަންޓުވެސް ކަނޑާލާފައިވާކަމަށް ކައުންސިލުން ބުނެއެވެ. ބައެއް ގެތަކުން ފެން ހިއްކިފައިނުވާތީ އަދިވެސް އެގެތަކަށް ކަރަންޓު ދީފައިނުވެއެވެ.

ފެންބޮޑުވުގެ ސަބަބުން ރަށުގެ ސްކޫލްގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ.

މި ހާދިސާއާއި ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުންދާކަމަށެވެ.

މިޙާދިސާގައި ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް، ކައުންސިލާއި އެންޑީއެމްއޭ ގުޅިގެން މިހާރު ކުރަމުންދާކަމަށެވެ. އަދި ގެއްލުންތައް ވަޒަންކުރުމަށް ފަހު، އެގެތަކަށް އިތުރަށް ބޭނުންވާ އެހީތައް ފޯރުކޮށްދޭނެކަމަށާއި މިވަގުތު އިސްކަމެއް ދެނީ ފެން ހިންދުމުގެ މަސައްކަތް ކުރުމަށްކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ފެންބޮޑުވުމުގެ މި ޙާދިސާގައި، އެއްވެސް ގެއަކުން މީހުން ބަދަލުކޮށްފައި ނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އއ.އުކުޅަހަށްވެސް އިއްޔެ ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. އެގޮތުން އެރަށުގެ 16 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންވަނީ ވެފައެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލަރޓް ނެރެފައެވެ. އެގޮތުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑްކޮށްފައިވަނީ އދ.މާމިގިއްޔަށެވެ. އެއީ 101.5 މިލިމީޓަރުގެ ވާރެއެވެ. މީގެއިތުރުން ދަރަވަންދޫ، ގާފަރު އަދި ފުނަދުއަށްވެސް ވަނީ ބޯކޮށް ވާރޭވެހިފައެވެ.

ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.