ޚަބަރު

ގަވާއިދާ ޚިލާފަށް މަސް ބާނަމުންދިޔަ ލަންކާގެ އިތުރު ބޯޓެއް އަތުލައިގަނެފި


  • މިއަދުވެސް އަތުލައިގަނެފައިވަނީ ލަންކާގެ މަސް ބޯޓެއް

  • އިއްޔެވެސް ވަނީ 4 ބޯޓު އަތުލައިގަނެފައި

  • މިބޯޓުތައް އަތުލައިގަނެވިފައިވަނީ އދ.މަހިބަދޫ މަސްދޯންޏަކުން ފޯރުކޮށްދިން މައުލޫމާތަކާއި ގުޅިގެން

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިއްޔެވެސްވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ 4 ބޯޓެއް އަތުލައިގަނެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަތުލައިގަތް މި 5 ބޯޓަކީވެސް ސްރީލަންކާގެ ބޯޓުތަކެއްކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އދ.މަހިބަދޫ "އަސުރުމާ" މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ. އެ މަޢުލޫމާތުގެ އަލީގައި ފެށި އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި މަސް ބޯޓުތައް މާލެއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މާލެއަށް ގެނެސް ބޯޓުތައް އިންސްޕެކްޓުކުރުމަށްފަހު އިތުރު ތަފްސީލްތައް މީޑިއާއާއި ހިއްސާކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން މަސްވެރިކަންކުރާ ބޭރުގެ އުޅަނދުތައް ހިފަހައްޓައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކާއި، ގުޅިގެން ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު އެންމެ ގިނައިން ލިބެނީ މަހަށްނިކުމެ އުޅޭ މަސްދޯނިފަހަރުތަކުންކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.