ޚަބަރު

ކައުންސިލްތަކަށް ވަކި މިނިސްޓްރީއެއް އުފެއްދުމުން އަނެއްކާވެސް މަރުކަޒީ ނިޒާމަށް ބަދަލުވާނެ: ރައީސް


  • ރައީސް ވިދާޅުވީ ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެދުމަކީ ބިރުވެރިކަމެއް ކަމަށް

  • ބާރުތައް އަނެއްކާވެސް ޖަމާވާނީ މާލެއަށް ކަމަށް

  • މިސަރުކާރުން މިނިވަންކަމާއެކު މަސައްކަތްކުރަން ކައުންސިލްތައް ގިނަ ބާރުތަކެއް ދިން ކަމަށް

ކައުންސިލްތައް ބާރުވެރިކުރުމުގެ ނަމުގައި ވަކި މިނިސްޓްރީއެއް ހެދުމަކީ، ބިރުވެރިކަމެއް ކަމަށާއި އެއިން ފެންނަނީ ބާރުތައް އަނބުރާ މާލެއަށް ޖަމާކުރެވޭތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ހެންވޭރުގައި ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތަކަށްފަހު ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިފަދަ ނިންމުމެއްގެ ސަބަބުން ބާރުތައް މަރުކަޒުވެގެންދާނެކަމަށެވެ. މިއީ ރާއްޖޭގެ ތަރައްޤީއަށް އެޅޭނެ އެންމެ ބޮޑު އެއް ހުރަސްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުގެ ސިޔާސަތުގައި ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް ވިދާޅުވުމުން، އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުގައި ކައުންސިލްތަކާ މެދު ޢަމަލުކުރި ގޮތް ފެނިވަޑައިގެންނެވި ކަމަށާއި، އޭރު ކައުންސިލަރުން ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރުތައް ނަގާ، މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ބާރު ކަނޑުވާލިކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ކައުންސިލްތައް މިިނިވަންކަމާއެކު މަސައްކަތް ކުރުމަށް، އެ ބާރުތައް ކައުންސިލަށް އަނބުރާ ދޫކޮށްލެއްވިކަމަށެވެ. އެގޮތުން ކަންކަމުގައި ގޮތް ނިންމުމުގެ މިނިވަންކަން ކައުންސިލްތަކަށް ދެއްވާ، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގު ފަހިކޮށްދެއްވިކަމަށެވެ.

"އަނެއްކާވެސް ފެންނާނީ ބާރުތައް މާލެއަށް ޖަމާވާތަން. އެއީ ބިރުވެރި ކަމެއް. އެއަށް ފުރުޞަތު ލިބިއްޖެއްޔާ އަނެއްކާވެސް ދާނީ އަހަރުތަކެއް ފަހަތަށް." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ހދ.އަތޮޅުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ކައުންސިލްތަކަށް ބާރު ދެއްވާފައި އޮތްކަމަށް މިހާރުގެ ސަރުކާރުން ވިދާޅުވި ނަމަވެސް އެކަން ކައުންސިލްތަކުން ފެންނަމުން ނުދާކަމަށާއި، އެއީ ނަމެއްގައި ދެއްވާފައި އޮތް ބާރެއްކަމަށެވެ. ކައުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުން ލިބިދޭ ފުރިހަމަ ބާރު ހޯދައިދެއްވާނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، ކައުންސިލްތަކަށް ބާރުތައް ދޫކޮށްލެއްވުމަށް ލާމަރުކަޒީ ޤާނޫނަށް ވަނީ އިސްލާހު ގެންނަވާފައެވެ. އެގޮތުން މާލީ ބާރުވެރިކަން ދެއްވުމާއި، ކަންކަމުގައި ގޮތް ނިންމުމުގެ ބާރުވެސް ވަނީ ދޫކޮށްލައްވާފައެވެ.