ޚަބަރު

މަޖިލީހުގެ މައިނޯރިޓީ ލީޑަރަަކަށް ދަ ޑިމޮކްރެޓްސްގެ އަލީ އާޒިމް


  • މަޖިލީހުގެ މައިނޯރިޓީ ލީޑަރަަކަށް ދަ ޑިމޮކްރެޓްސްގެ އަލީ އާޒިމް

  • މަޖިލީހުގައި ތިބި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 13

  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ދަ ޑިމޮކްރެޓްސްގެ ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހަމަޖައްސަވާފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ 10 މެންބަރުން، ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައިވާކަމަށާއި، އަދި އެމެންބަރުންގެ ނަންތައް، ޕާޓީތަކުގެ ދަފްތަރުގައި ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މިއާއެކު މަޖިލީހުގ ރައީސް ނުހިމަނައި މަޖިލީހުގައި ތިބި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 13 ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިބަދަލާއި ގުޅިގެން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ޤަވާޢިދުގެ 37 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، ދަ ޑިމޮކްރެޓްސްގެ ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށް މިއަދުގެ ޖަލްސާގައި ވަނީ ރިޔާސަތުން އިޢުލާނު ކުރައްވާފައެވެ.

"މިބަދަލާއި ގުޅިގެން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީ ފިޔަވައި، ދެން އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސް. އެހެންކަމުން މަޖިލީހުގެ ޤަވާޢިދުގެ 37 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، މިހާރު ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލީ އާޒިމް ކަމުގައި އިއުލާނު ކުރަން." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ. އެއީ އެމްޑީޕީގެ 56 މެމްބަރުން، ޑިމޮކްރެޓްސްގެ 13 މެމްބަރުން، ޕީޕީއެމްގެ 5 މެމްބަރުން، ޕީއެންސީގެ 3 މެމްބަރުން، އެމްއެންޕީގެ 3 މެމްބަރުން، ޖޭޕީގެ 2 މެމްބަރުން، އެމްޑީއޭގެ 2 މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެމްބަރުންނެވެ.