ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީކަމށްވާ އެމްޑީޕީއާއި، ޕީއެންސީއަށް، ދަ ޑިމޮކްރެޓްސްއިން ހުށައަޅާކަންކަމަށް އެއްބަސްވުމަށް އަންނަ ބުދަ ދުވަހާއި ހަމައަށް ސުންގަޑި ދިނުމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލުން ނިންމައިފިއެވެ.
ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ހޯލްގައި ދަ ޑިމޮކްރެޓްސްއިން ބޭއްވި އެޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގެ ބޭނުމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެޕާޓީން ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމެވެ. ނަމަވެސް ވަކި ގޮތެއް ނުނިންމާ އެޕާޓީން ވަނީ އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީއަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމުމަށް ފުރުޞަތު ދީފައެވެ. އެގޮތަށް ބަޔާންކޮށް ޑިމޮކްރެޓްސްގެ ކައުންސިލަށް ޤަރާރު ހުށައެޅުއްވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒެވެ.
ޝިފާޒް ހުށައެޅުއްވި އެ ޤަރާރުގައި ވަނީ ދެ ޕާޓިއަށް ވަކިވަކިން ބައެއް ކަންކަން ހުށައަޅާފައެވެ. އެގޮތުން އެމްޑީޕީއަށް، ހުށަހެޅި ކަންކަމުގެތެރޭގައި ރާއްޖޭގައި އޮންނަން ފެނަން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން 28 ސެޕްޓެމްބަރުގެ ކުރިން ނިޒާމީ ވޯޓު ނެގޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
ޕީޕީއެމް/ޕީއެންސީއަށް ހުށައެޅި ކަންކަމުގެ ތެރޭގައި ސަރުކާރެއް އެކުވަލާލުމަށްޓަކައި ވެވޭ އެއްބަސްވުމެއްގައި މިމަހުގެ 20ވަނަ ދުވަހުގެ ކުރިން ސޮއިކުރުން ހިމެނެއެވެ. އަދި އެމްޑީޕީއާއި ޕީޕީއެމްއަށް ހުށަހަޅާ ހުށަހެޅުން ގަބޫލު ނުކުރާނަމަ ޑިމޮކްރެޓުން އެއްވެސް ބަޔަކަށް ތާއީދު ނުކުރަންވެސް އެ ޤަރާރުގައި ބަޔާންކުރެއެވެ.
ޝިފާޒްގެ އެ ހުށައެޅުމަށް ކައުންސިލްގައި ގިނަ ޢަދަދެއްގެ މެންބަރުން ވާހަކަ ދެއްކެވިއެވެ. ގިނަ މެންބަރުންގެ ރޫހު ހުރީ އެމްޑީޕީއާއެކު ކުރިއަށް ނުދިއުމަށެވެ. އަދި ދެވަނަ ބުރުގައި ވާދަކުރާ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަންވެސް ގިނަ މެންބަރުންގެ ވިސްނުން ހުއްޓެވެ.
ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލަށް ޝިފާޒް ހުށައެޅުއްވި ޤަރާރު ފާސްވީ 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.