ޚަބަރު

ރައީސް ދެއްވި ޔަޤީންކަން: ދައުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހިފަ ނޯންނާނެ!


  • ޢަމާޒަކީ ރައްޔިތުންނަށް ޚިދުމަތް ކުރުންކަމަށް ވިދާޅުވި

  • ދަޢުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައި ނުވާނެކަމަށް ވިދާޅުވި

  • ކޮރަޕްޝަނަށް ޝައްކު ކުރެވޭ މައްސަލައެއް އޮތްނަމަ އޭސީސީއަށް ހުށައެޅުމަށް

އަބަދުގެވެސް ޢަމާޒަކީ ރައްޔިތުންނަށް ޚިދުމަތްކުރުންކަމަށާއި، ދަޢުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައި ނޯންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށްދެއްވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީއިން މާފަންނުގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދައުލަތުގެ ފައިސާގައި ޖެހިފައިވޭތޯ މިހާރުވެސް އަދި ވެރިކަމުން ފައިބާވަޑައިގަތުމުންވެސް ބަލަންވީކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ދެއްވާ ޔަޤީންކަމަކީ ކޮރަޕްޝަނަށް ތުޙުމަތު ކުރާނެ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ކަމެއް ސާފުކުރަންވެސް ބޭނުންވާނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށައަޅުއްވައިގެންވެސް ކުރިއަށްގެންދަންވީކަމަށް ރައިސް ވިދާޅުވިއެވެ.

"ޢަމާޒަކަށްވީ ރައްޔިތުންނަށް ޚިދުމަތް ކުރުން އެކަނި. ދަޢުތަކުގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނެކަމުގެ ޔަގީންކަން ދެން. މިއަދުވެސް ބަލަންވީ، ވެރިކަމުން ފޭބީމަވެސް ބަލަންވީ. ތުޙުމަތު ކުރާނެ ކަމެއްވެސް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތެކެވެ. އެގޮތުން ދަޢުލަތުގެ ތެރެއިން ފާހަގަކުރެވޭ އެފަދަ މައްސަލަތައް ބަލާ، ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.