ރާއްޖެއިން މާލީ އެހީއަށް އެދުމުން އެ އެހީތެރިކަން ދޭން ތައްޔާރަށް އެތަށް ޤައުމެއް އެބައޮތްކަމަށާއި، އެއީ އެޤައުމުތަކުން ރާއްޖެއާމެދު އޮތް އިތުބާރުކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މާފަންނުގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދު މި ސަރުކާރަށް އެތަށް ބަޔަކު ލޯނު ދެމުން އަންނަކަމަށް، އިދިކޮޅުން ވާހަކަ ދައްކާއިރު، ކުރީ ސަރުކާރުގައި އެ އެހީ ނުލިބުނީ އޭރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ބޭރުގެ ޤައުމުތަކާއި ބޭންކުތަކުގެ އިތުބާރު ނެތީމަކަމަށެވެ. ކުރީ ސަރުކާރުގެ 5 އަހަރަކީ ޤައުމުތަކާ ގުޅުން ނެތް ފަސް އަހަރުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިސަރުކާރުގެ ފަސް އަހަރަކީ ޚާރިޖީ ގުޅުންތައް އެންމެ ބޮޑަށް ބަދަހިކުރި 5 އަހަރު ކަމަށެވެ.
މިއަދު މާލީ އެހީއަށް އެދުމުން، އެ އެހީތެރިކަން ދޭނެ އެތަށް ޤައުމެއް އެބައޮތްކަމަށާއި، އެ އިތުބާރު ރާއްޖެއިން ހޯދާފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއިން ނަގާ ލޯނުތައް ދެއްކާނެކަމުގެ ޔަގީންކަން މިހާރު އެޤައުމުތަކާ މާލީ އިދާރާތަކަށް އެބައޮތްކަމަށް ވިދާޅުވިއެވެ.
"ޤަތަރާ ގުޅުން ކަނޑާލީ، ކޮމަންވެލްތުން ވަކިވީ. އަވަށްޓެރި ޤައުމަކާ ގުޅުން ބަދަހިއެއް ނުކުރި. މިއަދު އަލުން އެ އިތުބާރު ހޯދިއްޖެ. މިއަދު އެހީއަށް އެދުނީމަ ފައިސާ ދޭނެ އެތައް ބަޔަކު އެބަތިބި." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއިންތިޚާބުގައި ރައްޔިތުން އެކަންކަމަށް ނުވިސްނައިފިނަމަ، އަނެއްކާވެސް ޤައުމުގެ ބަނގުރޫޓު ވެދާނެކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުންވަނީ މީގެ ކުރިން ގުޅުން ނެތް އެތައް ޤައުމަކާއެކު ޚާރިޖީ ގުޅުން ޤާއިމްކޮށްފައެވެ. ޚާއްޞަކޮށް އަވަށްޓެރި ޤައުމުތަކާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށްފައިވެއެވެ. މީގެ އެއް މިސާލަކީ ކޯވިޑްގެ ޙާލަތުގައި ރާއްޖެއަށް ޤައުމުތަކުން ލިބެމުންދިޔަ އެހީއާއި، ބޭންކުތަކުން ލިބެމުން ދިޔަ މާލީ އެހީތެރިކަމެވެ.
އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުން ފެންނަނީ، ބޭރުގެ މާލީ އެހީދޭ އިދާރާތަކުން ނެރެމުންދާ ރިޕޯޓްތަކުންނެވެ. އެގޮތުން ކޮވިޑަށްފަހުން އެންމެ ބާރަށް ކުރިއަރައިގެންދާ އިޤްތިޞާދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ.