ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމަށް އެ ދެޕާޓީން އަންނަނީ މަޝްވަރާކުރަމުންނެވެ. މި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން ހުށައަޅާ ހުށައެޅުމަކީ މިމަހުގެ 25ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ހެންވޭރުގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް، ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ރައީސް މުޙައްމަދު ނަޝީދާ ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް އޭގެ ފަހުން ވޯޓެއް ނެގިދާނެކަމަށް ރައީސް ނަޝީދަށް ދަންނަވާފައިވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުށައެޅުއްވުމަކީ އެންމެ ރަނގަޅަށް އަދި އިތުބާރާއެކު އެކަން ކުރެވޭނެ ގޮތްކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ގަރާރު މަޖިލީހުން ފާސްކުރުމަށްފަހު އެމަނިކުފާނަށް ފޮނުވުމުން ދަންނަވާފައިވާނެކަމަށެވެ. އެއަށްފަހު ނިޒާމު ކަނޑައަޅާ ވޯޓު ވަކި ތާރީޚެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މަޖިލީހުން ފާސްކުރުމުން، ދެން އަޅުގަނޑުމެއް އީސީއަށް ލިޔުމުން ހުށައަޅާނަން ތާރީޚަކާ އެކީގައި، މިވެނި ދުވަހެއްގައި ވޯޓު ނަގައިދޭން. ރިޔާސީ އިންތިޚާބު ނިމުމާއެކު އެކަން ކުރެވޭނެ ގޮތް ހަދާނަން. އެއީ ނޮވެމްބަރު 17ގެ ކުރިން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް އުއްމީދުކުރެވޭކަމަށެވެ. ރައީސް ނަޝީދާ އެކު ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އިއްޔެ ރައީސް ނަޝިދާ ފޯނުން ވާހަކަ ދެއްކެވީ ވަރަށް ގިނަ ދުވަސްތަކަކަށްފަހުކަމަށާއި، ދެ ބޭފުޅުން މާ ދުރުގައި ތިބި ތަނެއް ފެނިވަޑައިނުގަންނަވާކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ދަ ޑިމޮކްރެޓްސްއިންނެވެ. އެޕާޓީން ވަނީ 15000އަށްވުރެ ގިނަ ވޯޓު ހޯދާފައެވެ. އެހެންކަމުން އެޕާޓީއާއެކު ކޯލިޝަން ހެދިއްޖެނަމަ ގިނަ ވޯޓު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރެއްވޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް ދަ ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީގެ އިތުރުން ޕީޕީއެމާއެކުވެސް މަޝްވަރާކޮށްފައެވެ. އަދި ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ޢަމަލުކުރާނެ ގޮތެއް މިރޭ ބާއްވާ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.