ޚަބަރު

ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އަޅަންކުރާ މަސައްކަތަށް ހިތްވަރު ނުދިނުމަށް އިލްތިމާސްކޮށްފި


އިންތިޚާބުތަކާއި ދިމާކޮށް ސިޔާސީ ފަރާތްތަކުން ހިންގާ ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އަޅަންކުރާ މަސައްކަތަށް ސިޔާސީ ލީޑަރުން ހިތްވަރު ނުދެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން މިކަމަށް އިލްތިމާސްކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ޙަރަކާތަކަށް ހުރަސް އެޅުމަށް ބަޔަކު މަސައްކަތްކުރުމާއި ގުޅިގެނެވެ.

އެޗްއާރުސީއެމްއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވި ހުޅުމާލޭގައި އޮތް ކެމްޕެއިން ޙަރަކާތަކަށް ޢާއްމުންގެ ބަޔަކު ހުރަސް އެޅުމަކީ އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމެއްކަމަށެވެ.

އެޗްއާރްސީއެމުން ވިދާޅުވީ އިންތިޚާބުގައި ތާޢީދު ހޯދުމަށް މަސައްކަތްކުރުމާއި ކެންޑިޑޭޓުންނާއި ބައްދަލުކޮށް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްގެއްކަމަށެވެ. އަދި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްގުތަކާއި، ކެމްޕޭން ޙަރަކާތްތަކަށް އިޙްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަންވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އެޅުމަށް ހިންގާ ހަރަކާތްތަކަށް ސިޔާސީ ޕާޓީތަކާއި ސިޔާސީގޮތުން ޙަރަކާތްތެރިވާ އިސްފަރާތްތަކުން ހިތްވަރު ނުދެއްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

ހިޔާ ސަރަޙައްދުގައި އިއްޔެ އޮތް "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެ ސަރަހައްދަށް ވަޑައިގަތުމުން އެކަމަނާއަށް ހުރަސް އެޅި މީހުންގެ އަަމަލުތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުއްވެރިކޮށްފައެވެ.

ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އެޅުމަކީ ޤާާނޫނީގޮތުން ކުށެއްކަން ފާހަގަކުރައްވަމުން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.