ވިޔަފާރި

ކުލީގެ ޖޫރިމަނާއަށް ދިން ލުޔާއެކު ނުހެދި ހުރި ރިސޯޓްތައް މާކެޓަށް ނެރުމަށް މަގުފަހިވެގެންދާނެ: މައުސޫމް


  • ކުލީގެ ޖޫރިމަނާއަށް ލުޔެއް ދޭން ނިންމީ ކޯވިޑްގެ ތެރޭގައި

  • މިކަމާއި ގުޅޭ އެއްބަސްވުންތައް މިހާރު ދަނީ އެކުލަވާލަމުން

  • މިކަމުގެ ސަބަބުން ރިސޯޓްތައް އަވަހަށް ހުޅުވުމަށް މަގުފަހިވާނެކަމަށް ސަރުކާރުން ވިދާޅުވޭ

ނުހެދި ހުރި ބައެއް ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއަށް ލުޔެއް ދެއްވުމަށް ސަރުކާރުން ނިންމެވީ، އެ ރަށްތަކުގައި ރިސޯޓް ހިންގުމަށް އެހީތެރިވެދީ، ޓޫރިޒަމްގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް މަގުފަހިކުރުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ، ނުހެދި ހުރި ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ރީސްޓްރަކްޗަރކުރުމުން ގިނަ ރިސޯޓްތަކަކުން ދައްކަންޖެހޭ ޖޫރިމަނާއަށް ބޮޑު ލުޔެއް ލިބިފައިވާކަމަށެވެ.

ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގައި ކުރިން އޮތްގޮތުން އެތަންތަނުން ކުލި ދަށްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ، ނުދައްކާ އޮތް އަދަދުގެ 0.5 އިންސައްތައިގެ ރޭޓުން ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަމުންދާނެއެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ރިސޯޓް ކުލި ނުދެއްކުމާއި ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑަށްކަމަށެވެ.

ސަރުކާރުން ވިދާޅުވާ ގޮތުން ކުރިން އޮތް ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ ކުރިން ހަދާފައިވާ ރޭޓެއްކަމަށެވެ. އެހެންކަމުން ސަރުކާރުން 0.5 އިންސައްތައިގެ ރޭޓުން ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަމުންދާނެއެވެ. އެހެންކަމުން ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއެކު ޖޫރިމަނާގެ ރޭޓަށް ސަރުކާރުން މިހާރު ގެންނަވާފައިވާ ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން ވަނީ ކޯވިޑާއި ގުޅިގެން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ވިޔަފާރިވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުލި ނުދެއްކުމުން އަރާ ޖޫރިމަނާގެ ރޭޓް ކުޑަކޮށްދެއްވާފައެވެ. އެގޮތުން 0.5 އިންސައްތައިގެ ރޭޓުން އަރަމުންދިޔަ ޖޫރިމަނާގެ ރޭޓް ވަނީ 0.0493 އިންސައްތައަށް ދަށްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ޖޫރިމަނާ އަލުން ރީސްޓްރަކްޗަރ ކުރުމަށްފަހު އައު ޕޭމަންޓް ޝެޑިއުލްއެއް ހަދައި، އިންވެސްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރަމުންދާކަމަށެވެ. އަދި މި މުހިންމު ބަދަލާއިއެކު ނުހެދިހުރި ރިސޯޓްތައް ހެދުމަށްވެސް އިތުރަށް މަގު ފަހިވެ، އެކަމުގެ އިޤްތިޞާދީ ފައިދާތައް ޤައުމަށް ލިބިގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ބަދަލުގެ ސަބަބުން ރިސޯޓްތައް ހެދި އެތަނުން ވަޒީފާތައް ލިބި، ދައުލަތައް ޓެކްސް ލިބެން ފަށާ ޓޫރިޒަމް ސެކްޓަރގެ އިޤްތިސާދަށް އެރަށްތައް ވަނުމަށް މަގުފަހިވެގެން ހިނގައްޖެ. އެހެންނަމަވެސް ވަރަށް ގިނަ ރަށްތައް ނުހެދި އެބަހުރި އަޅުގަނޑު ހިތުން އަދިވެސް މިފަދަ އިތުރު ބަދަލުތައް ގެނެސް އިންޑަސްޓްރީއަކީ ހިނގާ އިންޑަސްޓްރީއަކަށް ވާންޖެހޭ. ޓޫރިޒަމްގެ ފައިދާ ރައްޔިތުންނަށް ފޯރަނީ ރިސޯޓްތައް ހެދި ރިސޯޓްތައް ހިނގަން ފަށައިގެން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުލީގެ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއަށް ލުއިދިނުން ފިޔަވައި އިތުރު އެއްވެސް ފީއެއް މައާފްކޮށްފައި ނުވާނޭކަމަށެވެ. އަދި މިހާރު ހިނގަމުންދާ ރިސޯޓަކުން ދައްކަންޖެހޭ ޖޫރިމަނާއަކަށްވެސް ލުއި ދީފައިނުވާނޭކަމަށް މައުސޫމް ވިދާޅުވިއެވެ.

ރިސޯޓް ކުލި ނުދެއްކުމުން އަރާ ޖޫރިމަނާއަށް ބަދަލުތަކެއް ސަރުކާރުން ގެންނަވާފައިވާއިރު ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ރޭޓެއްގައި ކަނޑައަޅާފައިވާ ޖޫރިމަނާތަކެއް ނޫންކަމަށް ކަނޑައަޅާފައެވެ.

މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއްކަމަށާއި، އެހެންކަމުން ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއެކު ޖޫރިމަނާގެ ރޭޓަށް ގެނެވުނު ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ނުހުއްޓި ކުރިއަށްގެންދިއުމަށްޓަކައި އޭރު ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރިސޯޓްތަކުގެ ކުލި ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމާއި ފައިސާ ބޭނުންވާ ރިސޯޓްތަކަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްވެސް ސަރުކާރުން ހަމަޖައްސައިދެއްވިއެވެ.