ޚަބަރު

އާބަން އައިލްގައި ބުޓީކް ހޮޓެލް ތަރައްޤީކުރަން 3 ބިމެއް ބީލަމަށް


  • ކޮންމެ ފަރާތަކުންވެސް އެންމެ ގިނަވެގެން ހުށަހެޅޭނީ 2 ބިމަކަށް

  • ކޮންމެ ބިމަކަށްވެސް ވަކިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހަޅަންޖެހޭ

  • ޝައުގުވެރިކަން ފާޅުކުރުން އަންނަމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައި

ހުޅުމާލޭގައި ތަރައްޤީކުރާ "އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް" އާބަން އައިލްގައި ބުޓީކް ހޮޓެލް ތަރައްޤީކުރަން 3 ބިމެއް ބީލަމަށް ހުޅުވާލައިފިއެވެ.

ބުޓީކް ހޮޓެލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެންމެ ފުރަތަމަ އިޢުލާންކުރީ މިދިޔަ ޖުލައިމަހުގެތެރޭގައެވެ. އެގޮތުން ބުޓީކް ހޮޓެލްގެގޮތުގައި ތަރައްޤީކުރުމަށް އާބަން އައިލްއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 7 ބިމެކެވެ. މީގެތެރެއިން 3 ބިމެއްގައި ބުޓީކް ހޮޓެލް ތަރައްޤީކުރުމަށް އަލުން މިވަނީ ހުޅުވާލާފައެވެ.

އެޗްޑީސީން ބުނީ ކޮންމެ ފަރާތަކުންވެސް އެންމެ ގިނަވެގެން ހުށަހެޅޭނީ 2 ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްކަމަށެވެ. އަދި ކޮންމެ ބިމަކަށްވެސް ވަކިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި އެއް ހުށަހެޅުމަށްވުރެ ގިނައިން ހުށަހެޅުންތައް ލިބޭ ބިންތައް ބަޔަކަށް އެވޯޑުކުރުމުގެ މަރުހަލާކުރިއަށްދާނީ ކްލޯސްޑް ބިޑިންގ އުސޫލުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ އަންނަމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އާބަން އައިލްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ޚާއްސަ ކޮށްފައިވާ ރަށެކެވެ. ހުޅުމާލެއާއި ރާއްޖޭގެ އިގުތިސާދީ މައި ހަބުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެކަމަށް އެޗްޑީސީން ބުނެއެވެ. އާބަން އައިލް ޕްރޮޖެކްޓް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މިރަށުގައި ފަތުރުވެރިންނަށް ޚާއްޞަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ބޭނުންތަކަށް އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑޭޝަންތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މިޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް އެޗްޑީސީން ފާހަގަކުރެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން، މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.