ޚަބަރު

ރީ-ރަޖިސްޓްރީކުރި މީހުންގެ ލިސްޓް ޢާންމުކުރުމަށްފަހު، ޝަކުވާއަށް ހުޅުވައިލާނަން: އިލެކްޝަންސް


  • ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މިއަދު ވަނީ ހަމަވެފައި

  • ގިނަ އަދަދެއްގެ ފޯމް ހުށަހަޅާފައިވޭ

  • އިދިކޮޅުގެ ކަންބޮޑުވުންތައް ބޮޑު

  • އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގައި މައްސަލައެއް ނޫޅޭނެކަމަށް

މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ރީ-ރެޖިސްޓްރީކުރި މީހުންގެ ލިސްޓް އާއްމުކުރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައި މިވަނީ ރީ-ރަޖިސްޓްރީކުރުމުގެ މަރުހަލާގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީން ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން ކުރިއަށްދާއިރު އެ ޕާޓީއަށް ފާހަގަވާ ގިނަ މައްސަލަތަކެއް އެބަހުރިކަމަށެވެ. އެގޮތުން އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމްތަކުގެ ސައްހަކަމާމެދު ސައީދު ވަނީ ސުވާލު އުފައްދާފައެވެ.

ސައީދު ވިދާޅުވީ އެ ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާއި ހިއްސާކޮށްފައިވާކަމަށެވެ.

"ބޮޑު އަދަދެއް ރިޖެކްޓް ވުމަކީ ކަންބޮޑުވާކަމެއް. ބޭރުގެ އޮބްޒާވަރުންނާވެސް މިކަންބޮޑުވުންތައް ހިއްޝާ ކުރަމުން މިދަނީ. މައިގަނޑުގޮތެއްގައި އީޔޫ އާއި ކޮމަންވެލްތަށް ހުށައަޅަމުން މިދަނީ ވޯޓްލާ ފޮށި އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ވާހަކަ. އުންމީދަކީ ދެ ކެނޑިޑޭޓަށްވެސް ހަމަހަމަ އުސޫލަކުން ކަންކަން ކޮށްދެއްވުން" ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި ކަންބޮޑުވާންޖެހޭނެކަމެއް ނެތްކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްގެ ކޮންޓްރޯލް ކަމާނުބެހޭ ފަރާތްތަކަށް އޮންނަކަމަށް ބުނެ ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށާއި އެކޮމިޝަންގެ ޑޭޓާ ބޭސްއަށް އެހެން ބަޔަކަށް ނުވަދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ހަބީބް ވިދާޅުވިއެވެ.

އޮންލައިންކޮށް ގިނަ އަދަދެއްގެ ފޯމް ހުށަހަޅާފައިވުމުން އެކަމާއި ގުޅޭގޮތުން އިިދިކޮޅު ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖަވާބު ދެއްވާފައެވެ.

ހަބީބް ވިދާޅުވީ އޮންލައިންކޮށް ހުށައަޅާފައި ހުރި ހުރިހާ ފޯމެއްގެ ސައްހަކަންވެސް ކަށަވަރު ކުރާނެކަމަށެވެ. އަދި ރީ ރަޖިސްޓްރޭޝަން ނިމުން، ރީ-ރެޖިސްޓްރީކުރި މީހުންގެ ލިސްޓް އާއްމުކުރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދެއްވީ ދެ ދުވަހުގެ މުއްދަތަކެވެ. އެ މުއްދަތު މިއަދު ހަވީރު 4:00 ޖެހިއިރު ހަމަވިއިރު ގިނަ އަދަދެއްގެ ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ހުށަހެޅި ފޯމްތަކުގެ އަދަދު ފަހުން ހާމަކުރައްވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.