ޚަބަރު

ރައީސް ވިދާޅުވީ ފަހަތުން އަރާވަޑައިގެން އިންތިޚާބުގެ 2 ވަނަބުރު ކާމިޔާބުކުރައްވާނެ ކަމަށް


  • ދެވަނަ ބުރާ ކުރިމަތިލަނީ އާ އަޒުމަކާއެކު ކަމަށް ވިދާޅުވި

  • ރީ-ރަޖިސްޓްރޭޝަން ނިންމާލުމަށްފަހު ޑޯޓުޑޯއަށް ނިކުތުމަށް ރައީސް އެދިވަޑައިގެންނެވި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކުރި ނުލިބުނުނަމަވެސް ފަހަތުން އަރާވަޑައިގެން ދެވަނަ ބުރު އެމްޑީޕީން ކާމިޔާބު ކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިޙް އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވުމާއި ދެވަނަ ބުރަށް ދަތުރުކުރުން ސިފަކުރެއްވީ ފުޓުބޯޅަ މެޗެއްގެ ގޮތުގައެވެ. އެގޮތުން ރައީސް ޞާލިހް ވިދާޅުވީ ފުޓްބޯޅަ މެޗެއްގެ ފުރަތަމަ ހާފުން ބަލިވުމުން އެ މެޗު ނިމުނީ ކަމަށް ނިންމައިގެން ނުވާނެ ކަމަށާއި ދެވަނަ ހާފުގައި ނުކުމެ އިތުރަށް ލަނޑު ޖަހައި ނަތީޖާ ބަދަލުކުރާ އުސޫލުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީން ދެވަނަ ބުރާ ކުރިމަތިލަނީ އާ އަޒުމަކާއި ރޫހާއި ޖޯޝާ އެކުގައި ކަމަށާއި އެކަން އެމްޑީޕީގެ ކުރީގެ ހަރަކާތްތެރިން ކެމްޕެއިނާ ގުޅިވަޑައިގަތުމުން ހާމަވާ ކަމަށެވެ.

"އަޅުގަނޑުމެން ނުކުމެ މިތިބީ މެޗަކަށް. ފުރަތަމަ ހާފު ނިމިއްޖެ. ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފުގައި 3-1 އިން 4-2 އިން ބަލިވޭ. އެއް ބަޔަކު މޮޅުވޭ. މިއަދު މިތިބީ އެގޮތަށް ބަލާނަމަ 3-1 ގެ ތަފާތަކުން. 2 ވަނަ ހާފުގައި ނުކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި ފަސް ލަނޑުން އިރާދުކުރެއްވިއްޔާ ކާމިޔާބުކުރާނީ." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ އިންތިޚާބުގައި ފަހަތުން އަރާ ކުރި ހޯދުމަށްޓަކައި ބޭނުންވާ ބަދަލުތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ގެންނަވާފައިވާނެކަމަށެވެ. އަދި އެންމެ އިސްކަމެއް ދެއްވައިގެން ކުރަން ޖެހޭ ކަމަކީ ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް އެ ޕާޓީއަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ބަޔާންކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާ ބައެއް ވައުދުތަކަށްވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ މިރޭ ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރެއްވުމަށާއި ހިޔާ ފްލެޓްތަކާއި ސަރުކާރު ކުންފުނިތަކުން އެޅި ފްލެޓްތަކުގެ ކުލި ކުޑަކުރެއްވުމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ ރައީސް ވަނީ އެއީ ފުއްދައިދެވިދާނެ ވައުދުތަކެއްތޯ ސުވާލު އުފައްދަވާފައެވެ.

މިމަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ރައީސް ޞާލިޙްއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒުއެވެ.