ޚަބަރު

ބޭރުގެ ބޮޑެތި ޓޫރިސްޓު އުޅަނދުތަކުން ނަގާފީ 1000 ޑޮލަރަށް


  • މިގޮތަށް ކަނޑައަޅާފައިމިވަނީ އައު ޤަވާއިދުގެ ދަށުން

  • ކްރޫސް ޕާމިޓުގެ ގޮތުގައި ދައްކަމުން އައިސްފައިވަނީ 5000 ރުފިޔާ

  • ގަވާއިދާ ޚިލާފްވާ ފުރަތަމަ ފަހަރަށް 1000 ޑޮލަރު ދައްކަން ޖެހޭ

ރާއްޖެ އަންނަ ބޭރުގެ ބޮޑެތި ޓޫރިސްޓު އުޅަނދުފަހަރުތަކުން ނަގަމުން އަންނަ ކްރޫސް ޕާމިޓު ފީ 1000 ޑޮލަރު ނުވަތަ 15420 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މީގެކުރިން ބޮޑެތި އުޅަނދުފަހަރުތަކުން ކްރޫސް ޕާމިޓުގެ ގޮތުގައި ދައްކަމުން އައިސްފައިވަނީ 5000 ރުފިޔާއެވެ.

މިގޮތަށް ކަނޑައަޅާފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައިވާ ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވައިދަށް ގެނައި އިޞްލާހެއްގައެވެ. އެ ގަވާއިދުގައިވާގޮތުން ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަން ވާނީ އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށް ފަހުގައެވެ.

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ، އެކަމަށްޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން އޭޖެންޓުކަންކުރުމުގެ ހުއްދަ، ކަސްޓަމްސްއިން ދީފައިވާ ފަރާތްތަކަށް، ހުއްދަ ދީފައިވާ މުއްދަތުގައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ އުޅަނދެއްވެސް ރާއްޖެއިން ފުރައިގެން ދިޔުމުގެ ކުރިން، އެ އުޅަނދަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޓެކުހެއް އޮތްނަމަ، އެ ފައިސާ މީރާއަށް ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެއް ކަމަށެވެ. މި ގަވާއިދުގައިވާގޮތުން ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވަންވާނީ އަދި ބަނދަރުކުރަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.

ބޭރުގެ ޓޫރިސްޓު އުޅަނދު، ކަސްޓަމްސް އިންވާޑް ކްރިއަރަންސް ދޭ ދުވަހުން ފެށިގެން 7 ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ، އެ އުޅަނދަކީ 20 މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ ކުރޫސިންގ ޕާރމިޓް ހޯދުމަށް 1000 ޑޮލަރުގެ ފީއެއް، މީރާއަށް ދައްކަންޖެހެއެވެ. ހުއްދައިގެން މުއްދަތަކީ 90 ދުވަހެވެ.

އެެހެންނަމަވެސް އުޅަނދަކީ އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނުގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދެއް ނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްރިއަރެންސް ދޭ ދުވަހުން ފެށިގެން 365 ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދެވިދާނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އަދި 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 ދުވަހާއި ހަމައަށް އެއްވެސް ފީއަކާއި ނުލައި ދުއްވައި، ބަނދަރުކުރެވޭނެއެވެ. އަދި މި މުއްދަތު ހަމަވުމުން ކޮންމެ ދުވަހަކަށް 50 ޑޮލަރު ދެއްކުމަށްފަހު، 275 ދުވަހާ ހަމައަށް މުއްދަތު އިތުރުކުރެވިދާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން ނުވަތަ ކްރޫއިން އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ އާއިލާ ފިޔަވައި ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު ބައިތިއްބަން އެދޭ ނަމަ ޗާޓަރު ލައިސަންސެއް ހޯދަން ޖެހެއެވެ. އަދި ޗާޓަރު ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އިތުރު މުއްދަތަކަށް ބޭރުގެ ޓޫރިސްޓް އުޅަނދު ޗާޓަރު އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި އެ އުޅަނދު ބަނދަރު ކުރުމަށް އެދޭނަމަ އާ ޗާޓަރު ލައިސަންސެއް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހޯދަންޖެހެއެވެ.

ގަވާއިދާ ހިލާފުވުމުން އުޅަނދަކާއި ހަވާލުވެހުރި އޭޖެންޓު، ޖޫރިމަނާކުރުމުގެ އިޙްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިފައިވާއިރު، ގަވާއިދާ ޚިލާފްވާ ފުރަތަމަ ފަހަރަށް 1000 ޑޮލަރު ދައްކަން ޖެހެއެވެ.

ދެވަނަ ފަހަރު 2000 ޑޮލަރު އަދި ދެ ފަހަރަށްވުރެ ގިނައިން ގަވާއިދާ ޚިލާފްވެއްޖެނަމަ، ގަވާއިދާ ޚިލާފްވާ ކޮންމެ ފަހަރަކު 6000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.