ކުޅިވަރު

ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް އިފުތިތާހުކޮށްފި


މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ވެސްޓިން ހޮޓެލް އެންޑް ރިސޯޓްސްގެ އެހީތެރިކަމާއެކު ރާއްޖޭގައި ޕެރަ ސްވިމިން ފެށިއިރު، އިއްޔެ ހުޅުމާލޭ ވޯޓަރ އެޖުގެ ކޮންފަރެންސް ހޯލުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެމެރިކާގެ ޕެރަ އެތުލީޓެއް ކަމުގައިވާ ގްރެގަރީ ބާންސްއެވެ. ގްރެގަރީ ބާންސް ވަނީ ޕެރަލިމްޕިކުގައި ވާދަކޮށް ދެ ރަން މެޑެއްޔާއި ދެ ލޯ މެޑަލް ހޯދާފައެވެ.

މި ރަސްމިއްޔާތުގައި ގްރެގަރީ ބާންސް ވަނީ ރާއްޖޭގެ ސްވިމިން އެތުލީޓުންނަށާއި ޕެރަ ސްވިމިން އެތުލީޓުންނަށް, ޕެރަ އެތުލީޓަކަށްވުމަށް އޭނާ ކުރި ދަތުުރުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީ އިންސްޕިރޭޝަނަލް ލެކްޗާއެއް ދީފައެވެ. މިކަމުގެ ސަބަބުން ރާއްޖޭ ސްވިމިން އަދި ޕެރަ އެތުލީޓުންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ވަނީ ލިބިގެންގޮސްފައެވެ.

ޕެރަ ސްވިމިން ފެށުމާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ފަހި ފުރުަޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ޕެރަލިމްޕިކް ކޮމިޓީން މައުލޫމާތުދެއެވެ.

ސަރުކާރުން 2019 ވަނަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފެއްދެވުމަށް ފަހު މިއީ ޕެރަ ކުޅިވަރުތަކުގެ ތެރެއިން ތަޢާރަފު ކުރެވެގެންދާ ތިންވަނަ ކުޅިވަރެވެ. އެގޮތުން މީގެ ކުރިން ވަނީ ޕެރަ އެތުލެޓިކްސް އާއި ޕެރަ ބެޑްމިންޓަން ތަޢާރަފުކޮށްފައެވެ. އަދި އަންނަ އަހަރު ޕެރަ ޓޭބަލް ޓެނިސް ތައާރަފު ކުރެވިގެންދާނެ ކަމަށް ޕެރަލިމްޕިކް ކޮމިޓީން މައުލޫމާތުދެއެވެ.