ޚަބަރު

ކިމްއާއި ޕުޓިންގެ ބައްދަލުވުމާ އެކު އެމެރިކާއަށް ނުތަނަވަސްކަން


އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ރަޝިޔާއަށް ގޮސް އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކޮށްފިއެވެ. އޭނާ ރަޝިޔާއަށް ދަތުރުކޮށްފައި މި ވަނީ މި ދަތުރާ ދެކޮޅަށް އެމެރިކާއިން އިންޒާރު ދެމުން ދިޔަ ދަނޑިވަޅެއްގައެވެ. ކިމްގެ ދަތުރާ އެކު އެމެރިކާ ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

މި ނުތަނަވަސް ކަމުގެ ފަހަތުގައި އޮތް ސަބަބުތައް މަދެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައެވެ. މި ހަނގުރާމައިގައި ޔޫކްރެއިންގެ ފައުޖުތަކަށް އެންމެ ބޮޑަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެނީ، އަދި އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާރު ވެސް އެތަކެއް ބިލިޔަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވާފައިވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން، ޚާއްޞަކޮށް ނޭޓޯގެ މެންބަރު ޤައުމުތަކުން ވަނީ ޔޫކްރެއިން ފަޅިއަށް ޖެހިފައެވެ. މި ހަނގުރާމައަކީ ނޭޓޯގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ހުރަހެއްގެ ގޮތުގައި ނޭޓޯއިން ދެކެއެވެ. އެއާ އެކު، ރަޝިޔާ އެކަހެރި ކޮށްލުމުގެ މަސައްކަތް އެމެރިކާއިން އިސްވެ އޮވެ، ނޭޓޯއާ ގުޅިގެން ފެށިއެވެ.

އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި ރަޝިޔާއަށް މިހާރު އޮތީ ގޮތް ހުސްވާން ކައިރިވެފައެވެ. އެ ޤައުމާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ ޤައުމުން ހަތިޔާރު ހުސްވަމުންދާ ކަމަށް އެމެރިކާއިން ޤަބޫލު ކުރެއެވެ. އަދި، ކިމްގެ ދަތުރަކީ އެ ކަމަށް ހައްލެއް ހޯދުމަށް ރަޝިޔާއިން ބޭނުންކުރާ އުކުޅެއް ކަމަށް ވެސް އެމެރިކާއިން ބުނެއެވެ.

ކިމްއާއި ޕުޓިންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ވާހަކައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެވެ. މީގެ އިތުރުން، އުތުރު ކޮރެޔާގެ ސެޓެލައިޓް ޕުރޮގުރާމު ކުރިއަށް ގެންދަން ރަޝިޔާގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކިމް ވަނީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް ކާމިޔާބީ ލިބޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް ބުނެފައެވެ. އަދި، މިއީ ޔޫކްރެއިންގެ ފަސްގަނޑުގައި ކުރަމުންދާ ހަނގުރާމައެއް ނަމަވެސް، މި ހަނގުރާމައިގެ އަނެއް ފަރާތުގައި އޮތީ ހުޅަނގުގެ ބާރުތައް ކަމުގައި އޭނާ ސިފަ ކުރިއެވެ.

ކިމްގެ މި ދަތުރާ އެކު އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދޭން އެއްބަސްވާނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ އިތުރުން ދެކުނު ކޮރެޔާއިން ވެސް ދަނީ ބުނަމުންނެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 18 މަސް ފުރިފައިވާއިރު، ރަޝިޔާއިން ހަތިޔާރާއި، އެކި ބާވަތްތަކުގެ ހަތިޔާރަށް ބޭނުންވާ ވަޒަނާއި ޝެލް ހުސްވަމުންދާ ކަމަށް އެ ދެ ޤައުމުން ބުނެއެވެ.

ކިމްއާއި ޕުޓިންގެ ބައްދަލުވުމާ އެކު ނުތަނަވަސް ކަން ވެރިވެފައި ވަނީ ހަމައެކަނި އެމެރިކާއަށް އެކަންޏެއް ނޫނެވެ. މި ދަތުރާ އެކު ޔޫކްރެއިނަށް ވެސް ލިބިފައި ވަނީ އިތުރު މާޔޫސް ކަމެކެވެ. އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީފި ނަމަ، އެ ހަތިޔާރު ރަޝިޔާއިން ބޭނުން ކުރާނީ ޔޫކްރެއިންގައި ކުރަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގައެވެ. ޔޫކްރެއިންގެ ފައުޖުތަކާއި ޢާންމު ރައްޔިތުންނާ ދެކޮޅަށެވެ.

ރަޝިޔާއަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް އެމެރިކާއާއި ނޭޓޯއިން އަޑު އުފުލަމުން ދިޔަ ނަމަވެސް، ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމެރިކާއެވެ. އަދި، ނޭޓޯގެ މެންބަރު ޤައުމުތަކެވެ. އެ ޤައުމުތަކުން ދަނީ ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ފޮނުވަމުންނެވެ. އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އަސްކަރީ އެހީގެ އަގު އެތަކެއް ބިލިޔަނަކަށް އަރައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 567 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.