ރިޔާސީ އިންތިޚާބުގައި ވޯޓުލާ ހުރިހާ މަރުކަޒެއްގައިވެސް އެއް އުސޫލަކުން އަމަލުކުރުން މުހިންމު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް މުނާ ވިދާޅުވީ އެހެން އިންތިޚާބުތަކާއި އަޅާބަލާއިރު ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ ބާތިލް ވޯޓުގެ އަދަދު އެންމެ ގިނަ އިންތިހާބު ކަމަށެވެ. އިންތިޚާބުގެ ކަންކަން ހިނގާ ދިޔަގޮތަށް އަލިއަޅުވާލައްވާ މުނާ ވިދާޅުވީ، އިންތިޚާބު އޮތް ދުވަހުގެ ހެނދުނު 6:30 އާއި 7:30 ދެމެދު އޮފިޝަލުން ވޯޓު ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން ފެށިކަމަށެވެ. އެގޮތުން %63 ވޯޓު ފޮށްޓެއްގައި ވޯޓުލުން ގަޑިއަަށް ފެށުނުކަން މުނާ ފާހަގަކުރެއްވިއެވެ.
ވޯޓުލާ މަރުކަޒްތަކުގެ އިންތިޒާމްތަކަށް އަލިއަޅުއްވާލައްވަމުން މުނާ ވިދާޅުވީ %38 މަރުކަޒުގައި ނުކުޅެދޭ މީހުންނަށް ފަސޭހައިން ވަދެވޭނެ ގޮތުގެ އިންތިޒާމް ނެތްކަމަށާއި، 18 މަރުކަޒެއްގައި އެކަށީގެންވާ ޖާގަނެތްކަމަށެވެ. މިކަމުގެ ސަބަބުން އޮބްޒާވަރުންނާއި، މަންދޫބުންނާއި، މޮނިިޓަރުންގެ އިތުރުން އާންމުންނަށް ވޯޓު ކަރުދާހުގައި ފާހަގަޖަހާތަން ފެނިފައިވާތީ %21 މަރުކަޒެއްގައި ވޯޓުގެ ސިއްރުކަން ކަށަވަރުވެފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިންވެސް އިލެކްޝަންސް ގެ އެޑްވައިޒަރީ ކޮމިޓީގައި ދަންނަވާފަ ވާނެ ވީލްޗެއަރގައި ވަޑައިގަންނާ ބޭފުޅުންނާއި އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވާގޮތަކަށް ވީހާވެސް ތިރީގައި ބަހައްޓައިދިނުމަށް ވޯޓުފޮށިތައްް، އެހެންނަމަވެސް މިފަހަރު ފާހަގަކުރެވުނީ ބަހައްްޓާފަ ހުރި ސްޓޭންޑުތައް ނުވަތަ ސްޓޫލްތައް އުސްވުމުގެ ސަބަބުން އެ ދަތި ދިމާވިކަން" އެޗްއާރްސީއެމްގެ ރައީސާ މަަރިޔަމް މުނާ ވިދާޅުވިއެވެ.
މުނާ އިތުރަށް ވިދާޅުވީ ވޯޓުލާ ހުރިހާ މަރުކަޒެއްގައިވެސް އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނިޓަރުން ތިބުމަށް ވަކިން ސަރަހައްދެއް ކަނޑައަޅާފައިވާކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވާއިިރު ފުރަތަމަ ބުރުގައި ފާހަގަކުރެވުނު ނުރަނގަޅު ކަންކަމަށް ސަމާލުވެ އެކަންކަން ތަކުރާރު ނުކުރުމަށް މުނާވަނީ ލަފާދެއްވާފައެވެ.
ޖުމްލަގޮތެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ ރަނގަޅަށް ކަމަށާއި، އިންތިޚާބަކީ މިނިވަންކަމާއެކު ނިންމާލެވުނު އިންތިޚާބެއް ކަމަށް މުނާ ވިދާޅުވިއެވެ.
އެޗް އާރްސީއެމްގެ ކޮމުިޝަނަރ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާގު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު މިއަހަރު ވޯޓުލީ މީހުންގެ އިންސައްތަ ދަށްކަމަށެވެ. މިކަމުގެ ސަބަބުތަކަށް އިޝާރަތްކުރައްވާ ޝިފާޢަތު ވިދާޅުވީ މި ފަހަރު ވޯޓުލުމުގައި ޝައުގުވެރިކަން ނެތްކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި މިކަންކަން ރަނގަޅުކުރުމަށް އަލަށް ވޯޓުލާ ފަރާތްތަކާއި އެހެނިހެން ފަރާތްތައްވެސް ވޯޓަށް ހޭލުންތެރި ކުރަން އެންމެން އިސްނަގައިގެން މަސައްކަތްކުރުން މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.