މިއަހަރުގެ އޮގަސްޓު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު %21.0 އިތުރުވެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓު މަހު އެ އިދާރާއަށް ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 1.60 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ މިއަހަރުގެ އޮގަސްޓްމަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވިނަމަވެސް އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބިފައިވާ އާމްދަނީ ވަނީ %7.7 ދަށްވެފައެވެ.
މި އަހަރުގެ އޮގަސްޓްމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 9.43 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 1.88 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 90.4 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 87.8 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 69.5 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޮގަސްޓު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62.0 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، އޮގަސްޓު 2022 ގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓު މަހު މީރާއަށް ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި، ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި އޮގަސްޓު 2022 އާއި އަޅައިބަލާއިރު އޮގަސްޓު 2023 ގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %9.0 އަށް އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ އަދި ޖީ.ޖީ.އެސް.ޓީން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ.
މިއަހަރުގެ އޮގަސްޓްމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ މަދުވުން ކަމުގައި މީރާއިން މައުލޫމާތުދެއްވައެވެ. އަދި އޮގަސްޓް މަހު ރާއްޖެ އަންނާނެކަމަށް އަންދާޒާކޮށްފައިވާ އަދަދާއި އަޅައިބަލާއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %0.2 އަށް ދައްވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ގްރީން ޓެކުހާއި ޓީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ މަދުވެފައިވާކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.