ޚަބަރު

ލެޕްރޯސްކޯޕިކް ސާރޖަރީގެ ޚިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުން


  • ލެޕްރޯސްކޯޕިކް ސަރޖަރީގެ ޚިދުމަތް ފެށީ 07 ނޮވެމްބަރު 2022

  • ލެޕްރޯސްކޯޕިކް ސަރޖަރީއަކީ ގައިގެ ތަންކޮޅެއް ކަފާލައިގެން ކުރާ ބޮޑެތި ސަރޖަރީތައް

ލެޕްރޮސްކޯޕިކް ސާޖަރީއާއި، އެޑްވާންސް ވުންޑްކެއަރ އައުޓްރީޗް ޕްރޮގްރާމްގެ އިތުރު ބުރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފިއެވެ. އެހޮސްޕިޓަލުގައި އެންމެ ފުރަތަމަ ލެޕްރޮސްކޯޕިކް ސަރޖަރީގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އައުޓްރީޗް ޕްރޮގްރާމްތައް ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި އެކި ފެންވަރުގައި އަންނަނީ ހިންގަމުންނެވެ. މާލެއަށް އައިސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އަތޮޅުތެރޭގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުން ސަރޖަރީއަށް ރިފަރކުރާ ބަލިމީހުންނަށް ބޭނުންވާ ސަރޖަރީތައް ރަށުގައި ތިބެގެން ކުރެވޭނެ މަގު މިހާރުވަނީ ފަހިކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ކުޑަ ތަންކޮޅެއް ކަފާލައިގެން، ކުރާ ލެޕްރޮސްކޯޕިކް ސާޖަރީގެ އިތުރުން އެޑްވާންސް ވުންޑްކެއަރގެ ޚިދުމަތް ނުވަތަ ދިގުމުއްދަތަށް ރަނގަޅުނުވެ ހަށިގަނޑިގައި ހުންނަ ފާރުގަނޑު ރަނގަޅުކުރުމަށް ދޭ ފަރުވާ އަންނަނީ ދެމުންނެވެ. މިގޮތުން މިޚިދުމަތް ފަށާފައިވާ އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއެވެ.

މި އައުޓްރީޗް ޕްރޮގްރާމްގެދަށުން އެހޮސްޕިޓަލުގައި އަނެއްކާވެސް އިތުރު ސަޖަރީތަކެއް އަންނަނީ ކުރަމުންނެވެ. އާދިއްތައިން އަންގާރަ ދުވަހާއިހަމައަށް ސާރޖަރީތައް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ސަރޖަރީއެއްގެ ގޮތުން މިބުރުކޮށްފައިވަނީ ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެކެވެ. މިއީ އެހިސްޕިޓަލުގައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސަރޖަރީތައް ލީޑުކުރައްވާފައިވަނީ ތަޖުރިބާކާރު ލެޕްރޮސްކޯޕިކް ސާރޖަން، ހެޑް އޮފް ޖެނެރަލް ސާރޖަރީ ޑިޕާރޓްމެންޓް، ސީނިޔަރ ކޮންސަލްޓަންޓް ސާރޖަރީ، ޑރ. އަބްދުﷲ ޢުބައިދުކަމަށް ކޭއާރްއެޗްއިން ވިދާޅުވެއެވެ. މީގެއިތުރުން އައި.ޖީ.އެމް.އެޗްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ސާރޖަރީ ޑިޕާރޓްމެންޓް، ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް، ޑރ. މުޙައްމަދު ވަޙީދާއި، އައި.ޖީ.އެމް.އެޗާއި، ކޭ.އާރު.އެޗުގެ ޑަކްޓަރުންނާއި ނަރުހުންގެ ޓީމަކުން ބައިވެރިވާކަމަށް ކޭއާރްއެޗުން މަޢުލޫމާތުދެއްވައެވެ.

ކޭއާރްއެޗްގައި ގިނަ ޚިދުމަތްތަކެއް ތަޢާރަފްކުރަމުންދާއިރު، އޭގެ ސަބަބުން ޢާންމު ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް ކުރި ހޭދަ ބޮޑުތަނުން ކުޑަވެފައިވާކަން ކޭއާރްއެޗުން ފާހަގަކުރައްވައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވީ ޒަމާނީ ގިނަ ޚިދުމަތްތަކެއް އެހޮސްޕިޓަލުން މިހާރު ލިބޭނެ މަގު ފަހިވެފައިވާކަމަށެވެ.

"އަޅުގަނޑުމެން ތަޢާރަފްކޮށްފައިވާ ޚިދުމަތްތަކުގެ ލިސްޓު ކިޔާލަން އުދަގޫވާނެ، ގިނަ ޚިދުމަތްތަކެއް ފަށާފައިވާއިރު، ފާހަގަކުރެވޭ ޚިދުމަތްތަކެއް ލެޕްރޮސްކޯޕިކް ސަރޖަރީއާއި އަރތްރޮސްކޯޕިކް ސަރޖަރީ ފަދަ ޚިދުމަތްތަކަކީ." ދާއޫދު ވިދާޅުވިއެވެ.

ކޭއާރްއެޗްގައި އެންމެ ފުރަތަމަ މިޚިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. ކޭއާރްއެޗްގެ އިތުރުން އައިޖީއެމްއެޗާއި، ތިނަދޫ ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައިވަނީ މިޚިދުމަތް ފަށާފައެވެ.