ކުޅިވަރު

ދަގަނޑޭ، ބަކާ، އަސަދުﷲ އަދި އެންޑީ ޤައުމީ ޓީމުން ބާކީކޮށްފި


ވަރލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ކެޕްޓަންއަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އާރިފް(ބަކާ)، އަސަދުﷲ އަބްދުﷲ އަދި އަމްދާން އަލީ(އެންޑީ) ބާކީކޮށްފިއެވެ. 

މިއަދު އެކުލަވާލި ސްކޮޑުން މުހައްމަދު އާރިފް ނޫން އެހެން ކުޅުންތެރިން ބާކީ ކުރީ އަނިޔާގެ ސަބަބުން ކަމަށް ޤައުމީ ޓީމްގެ ފިޒީޝަން ޝަކީބު ވިދާޅުވިއެވެ. ޝަކީބު ވިދާޅުވީ އަސަދުﷲއާއި، އަޝްފާގު އަދި އަމްދާންވެސް މިމަހު ފަހުކޮޅު ކުޅޭ ބޫޓާން މެޗަށް ފިޓްވާނެ ކަމަށާއި، މި ތިން ކުޅުންތެރިންވެސް ސްކޮޑަށް ނުނެގީ އޭނާގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އާރިފް(ބަކާ) ސްކޮޑަށް ނުނެގި ސަބަބުން ހާމަކޮށްފައެއްނުވެއެވެ.

އަންނަ ބުރާސްފަތި ދުވަހު ޗައިނާގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައިހުރި ހުސެއިން ނިޔާޒް އަދި މޫސާ ޔާމީނަށްވަނީ ފުރުސަތު ދީފަ. މީގެ އިތުރުން ޓީސީގެ އެއްނަމްބަރ ކީޕަރ މުހައްމަދު އިމްރާންގެ ބަދަލުގައި އެޓީމްގެ ދެވަނަ ކީޕަރ އަދި ރާއްޖޭގެ ޒުވާން ޓީމްގައިވެސް ހިމެނޭ ކީޕަރ ފަޔާޒަށް ކޯޗް ވަނީ މިފަހަރުގެ ސްކޮޑުން ޖާގަދީފައެވެ.