މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތަޢާވަލުކޮށްފިއެވެ.
މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާފައިވަނީ އޮގަސްޓަމަހުގެ 21 ވަނަ ދުވަހުއެވެ. ފުރަތަމަ ޖަލްސާ އަދި ދެވަނައަށް ބޭއްވި ޖަލްސާގައިވެސް، ޖަލްސާ ކުރިއަށްގެންދެވޭ ވަރަށް މެންބަރުން ހަމަނުވުމުން ޖަލްސާތައް ވަނީ ކުރިއަށް ނުގެންގޮސް ނިންމާލާފައެވެ.
ދެ ހަފްތާގެ މެދުކެނޑުމަކަށްފަހު މާދަމާއަށް ވަނީ މަޖިލީހުގެ ޖަލްސާއެއް ތަޢާވަލުކޮށްފައެވެ. މި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ ޤަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމެވެ.
54 މެންބަރުންގެ ސޮއި ހިމެނޭހެން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދު މަޤާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކުކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަޤާމުގައި ރައީސް ނަޝީދު އިތުރަށް ހުންނަވައިފިނަމަ މަޖިލީހުން އަދާކުރަން ޖެހޭ ޤާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުޞަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން މަޖިލިހުގައި މިހާރު ތިއްބެވި 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. 50 އަށްވުރެ ގިނަ މެމްބަރުން ތިއްބަވާ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅި މި މައްސަލައަށް އެމް.ޑީ.ޕީއަށް ނިސްބަތްނުވާ ބައެއް މެމްބަރުންވެސް ތާއީދުކުރުމަށް ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.