އިންޑޮނީޝިޔާގެ ސުލަވެސީ އައިލެންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ރިކްޓަރ މިންގަނޑުން 6.0ގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. އަދި، ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ބިންހެލުން އައިސްފައި ވަނީ ސުލަވެސީ އައިލެންޑްގެ މިނަހަސާ ޕެނިންސިޔުލާއަށެވެ. ބިންހެލުންތައް ދިރާސާކުރާ ޔޫ.އެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫ.އެސް.ޖީ.އެސް)އިން ބުނީ ސުލަވެސީގެ ބިންހެލުން އައިސްފައި ވަނީ ބިމުގެ ފަށަލައިގެން ފެށިގެން 9.9 ކިލޯމީޓަރު ފުނަށް ކަމުގައެވެ. ބިންހެލުމުގެ ލޮޅުންތަކާ އެކު ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައި ސުލަވެސީގެ އޮފިޝަލުން ވިދާޅުވިއެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ސުލަވެސީގެ މެދުތެރޭގައި އޮންނަ ލަމްބޮންގާ އަވަށް ހިމެނެއެވެ. އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ޢާންމުކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ ބިންހެލުމުގެ ލޮޅުންތައް އެރި ވަގުތު ގެދޮރާއި ޢިމާރާތްތައް ދޫކޮށް ޢާންމު ރައްޔިތުން މަގުތަކަށް ނިކުންނަ މަންޒަރެވެ. ބިންހެލުމާ ގުޅިގެން ދޮންގަލާ ރީޖެންސީން ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނީޝިޔާއަކީ އަލިފާން ފަރުބަދަތައް ގިނަ "ރިންގް އޮފް ފަޔަރ"ގެ ނަންދީފައިވާ ސަރަޙައްދުގައި އޮންނަ، ބިންހެލުންތަކުގެ ނުރައްކާ ބޮޑު ޤައުމެކެވެ. 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވެސް ސުލަވެސީއަށް ބާރުގަދަ ބިންހެލުމެއް އައެވެ. ރިކްޓަރ މިންގަނޑުން 6.2ގައި ރެކޯޑު ކުރެވިފައިވާ އެ ބިންހެލުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 100 މީހުން މަރުވިއެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔެއްގެ ގެދޮރު ހަލާކުވިއެވެ.
2018 ވަނަ އަހަރު ސުލަވެސީއަށް ރިކްޓަރ މިންގަނޑުން 7.5ގެ ބާރުމިނުގައި އިން ބިންހެލުމަކާ ގުޅިގެން ސުނާމީއެއް އުފެދި 2,200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 2004 ވަނަ އަހަރު އިންޑޮނީޝިޔާގެ އަޗޭ ޕުރޮވިންސަށް އައި ރިކްޓަރ މިންގަނޑުން 9.1ގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން 170,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ހުސްވި 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޖާވާ އައިލެންޑަށް އައި 5.6ގެ ބާރުމިނުގެ ބިންހެލުމެއްގައި ވެސް 600 އަށްވުރެ ގިނަ މީހުން މަރުވިއެވެ.