ޚަބަރު

މަޣްރިބް ބިންހެލުން: މަރުވި މީހުންގެ ޢަދަދު 2,000އަށް


ހުކުރު ދުވަހުގެ ރޭ މަޣްރިބަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 2,000 އަށް ވުރެ މައްޗަށް އަރައިފިއެވެ. ރިކްޓަރ މިންގަނޑުން 6.8ގައި ރެކޯޑު ކުރެވިފައިވާ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ ރޭގަނޑު ގިނަ މީހުން ނިދާފައި ތިބި ވަގުތުގައެވެ. ބިންހެލުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓި، އެތަކެއް ސަތޭކަ ބަޔަކު ވަނީ ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ.

މަޣްރިބުގެ ދާޚިލީ ވުޒާރާއިން ބުނީ ބިންހެލުމުގައި މަރުވި އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމަށާއި، މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު 2,000 އަށްވުރެ އިތުރުވެފައިވާ ކަމުގައެވެ. އަދި، ބިންހެލުމުގައި 1,400 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

ބިންހެލުމާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ފުރާނަ ގެއްލި، ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެ، އެތަކެއް ސަތޭކަ ގެދޮރާއި ޢިމާރާތްތައް ވެއްޓިފައިވާއިރު، މަޣްރިބުގެ ރަސްގެފާނު މުޙައްމަދު ހަވަނަ ވަނީ ހިތާމަ ފާޅު ކުރުމުގެ ގޮތުން ތިން ދުވަސް އިޢުލާނު ކުރައްވާފައެވެ. އަދި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަމުރު ކުރައްވާފައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މަރާކިޝާއި އެ ރަށުގެ ދެކުނަށް އޮންނަ ސަރަޙައްދުތަކަށެވެ.

ބިންހެލުންތައް ދިރާސާކުރާ އެމެރިކާގެ ޔޫ.އެސް. ޖިޔޮލޮޖިކަލް ސަރވޭ (ޔޫ.އެސް.ޖީ.އެސް)އިން ބުނީ މަޣްރިބުގެ ބިންހެލުން އައިސްފައި ވަނީ މަރާކިޝްގެ އިރުއުތުރުން 72 ކިލޯމީޓަރު ދުރުގައި އޮންނަ ހައި އެޓްލަސް ފަރުބަދަ އޮންނަ ސަރަޙައްދަށް ކަމުގައެވެ. ބިންހެލުން އައިސްފައި ވަނީ ބިމުގެ ފަށަލައިން ފެށިގެން 18.5 ކިލޯމީޓަރު އަޑިއަށް ކަމުގައި އެ އިދާރާއިން ބުންޏެވެ. ފުރަތަމަ ބިންހެލުމުގެ 19 މިނެޓު ފަހުން އެ ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 4.9ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އައިސްފައިވާ ކަމުގައި ވެސް ޔޫ.އެސް.ޖީ.އެސްއިން ބުނެއެވެ.

ބިންހެލުން އައިސްފައި ވަނީ މަރާކިޝްގެ އިރުއުތުރުން 72 ކިލޯމީޓަރު ދުރުގައި އޮންނަ ހައި އެޓްލަސް ފަރުބަދަ އޮންނަ ސަރަޙައްދަށެވެ. ބިންހެލުމުގެ ސަބަބުން މަރާކިޝްގެ އިތުރުން އަލް-ޙައުޒާއި، ވަރްޒާޒާތާއި، އަޒީލާލާއި، ޝީޝާވަތު އަދި ތަރޫދާނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ހައި އެޓްލަސް ފަރުބަދައާ 350 ކިލޯމީޓަރު ދުރުގައި އޮންނަ މަޣްރިބުގެ ވެރިރަށް ރިބާޠުގެ އިތުރުން ދާރުލްބަޔިޟާއާއި، އަޣަދީރާއި، އިއްސީރާއަށް ވެސް ފޯރާފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ވިދާޅުވިއެވެ. ބިންހެލުމުގައި ގެދޮރު ގެއްލުނު ގިނަ މީހުން ހޮނިހިރު ދުވަހުގެ ރޭ ވެސް ނިދާފައި ވަނީ މަގުތަކުގެ މަތީގައެވެ. އަދި، ހަލުވިކަމާ އެކު ކާބޯތަކެއްޗާއި ސާފު ބޯފެން ހުސްވަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދޭން މަޣްރިބުގެ ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި، ސަލާމަތް ކުރުމަށް ވެސް މެދުކެނޑުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

މަޣްރިބުގެ ދާޚިލީ ވުޒާރާއިން ބުނީ އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ އަލް-ޙައުޒާއި ތަރޫދާންތް ޕުރޮވިންސުން ކަމުގައެވެ. ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި މަރާކިޝްގެ ތާރީޚީ ރަށެއް ކަމުގައިވާ މަދީނާ ވެސް ހިމެނެއެވެ. އެއީ، ޔުނެސްކޯއިން ރައްކާތެރި ކޮށްފައިވާ ތަންތަނުގެ ލިސްޓުގައި ހިމެނޭ ރަށެކެވެ.

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޣްރިބުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދަނީ ވަޢުދުވަމުންނެވެ. އޭގެ ތެރޭގައި އ.ދއާއި ސްޕެއިންއާއި ފަރަންސޭސިވިލާތް ހިމެނެއެވެ. މަޣްރިބުގެ އަވައްޓެރި އަލްޖީރިޔާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

މަޣްރިބަށް މިފަދަ ނުރައްކާތެރި ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ 1960 ވަނަ އަހަރުއެވެ. ރިކްޓަރ މިންގަނޑުން 6.7ގެ ބާރުމިނުގައި ރެކޯޑު ކުރެވިފައިވާ އެ ބިންހެލުން އައިސްފައި ވަނީ އަޣަދީރަށެވެ. އެ ބިންހެލުމުގައި 12,000 މީހުން މަރުވިއެވެ.