ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ޙަސަން މޫސާ ދީދީ (85 އަހަރު) މިއަދު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ޙަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަކަމަށެވެ. ޑޮކްޓަރ ބެލުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާކަމަށާއި މަރުވެފައިވަނީ ހިތްހުއްޓިގެންކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.
ޙަސަން މޫސާ ދީދީ އަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި އޭނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.
ޙަސަން މޫސާ ދީދީ މަރުވުމާއި ގުޅިގެން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.