ޚަބަރު

އިންތިޚާބުގެ ނަތީޖާ ގެނެސްދިނުމަށް ޕީއެސްއެމްގެ ޗެނަލްތައް ތައްޔާރަށް


  • މިއަދު 7:30 ގައި ވަނީ ލައިވް ޝޯ ފަށާފައި

  • 16:30 އިން ފެށިގެން ނަތީޖާ ގެނެސްދޭނެ

ރިޔާސީ އިންތިޚާބު 2023 ގެ ނަތީޖާ އިތުބާރާއި އަވަސްކަމާއެކު ގެނެސްދިނުމަށް ޕީ.އެސް.އެމްގެ އެކި ޗެނަލްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މި އިންތިޚާބުގައި ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައްވެސް ޕީއެސްއެމްއިން ވަނީ އެންމެ ތާޒާކަމާއެކު ގެނެސްދީފައެވެ.

މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުން ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ. 4 ޖެހުމާއެކު ކިއުތައް ވަނީ ބަންދުކޮށްފައެވެ. ފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓުގުނުމުގެ ކަންކަން މަރުކަޒުތަކުގައި ކުރިއަށްގެންދިއުމަށް އިލެކްޝަންސްއިން ވަނީ ނިންމަވާފައެވެ.

މިއަދު ހެނދުނު 7:30 އިން ފެށިގެން ޕީއެސްއެމްގެ ޓީވީ މޯލްޑިވްސް، ޕީއެސްއެމް ނިއުސް އަދި ދިވެހިރާއްޖޭގެ އަޑުން ވަނީ ކޮންޓިނިއުޓީ ލައިވް ޝޯވ ފަށާފައެވެ. އަދި މިއަދު ހަވީރު 16:30 ގައި ނަތީޖާ ގެނެސްދިނުމަށް ޚާއްސަ ޝޯވއެއް ފަށާނެއެވެ. އިންތިޚާބުގެ ނަތީޖާ ގެނެސްދިނުމަށް މާލޭ ސަރަޙައްދާއި، އަތޮޅުތަކުގެ ރަށްތަކުގައިވެސް ޕީ.އެސް.އެމް ޓީމްގެ މެންބަރުންނާއި ސްޓްރިންގާންސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަހަރުގެ އިންތިޚާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިގެންގޮސްފައެވެ. މީގެތެރެއިން 27006 މީހުންނަކީ މުޅިން އަލަށް ވޯޓު ލުމުގެ ހައްޤު ލިބޭ މީހުންނެވެ.