ކުޅިވަރު

16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް


ބޫޓާނުގައި މިހާރު ކުރިއަށްދާ 16 އަހަރުން ދަށުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އިއްޔެ ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޑިއާގެ އެމްޑީ އަބްޝާ އާއި އައިރްބޯލަންގް ކަރްތަންގްމާވް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި އިންޑިއާއިން ގިނަ ލަނޑުތަކެއް ޖެހި ނަމަވެސް، ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މި މެޗުގެ 21 ވަނަ މިނެޓްގައި ވިޝާލް ޔަދޭވް އިންޑިއާއަށް ލީޑް ނަގައިދިންއިރު، ދެވަނަ ލަނޑު ކޯނަރަކުން ކާމިޔާބުކޮށްދިނީ ކައިފްއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ލެވިޝް ޒަންގްމިންލުން ވަނީ އިންޑިއާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

އޭގެ 10 މިނެޓު ފަހުން ކަރްތަންގްމާވް އިންޑިއާގެ ހަތަރުވަނަ ލަނޑު ޖެހިއިރު، އިންޑިއާގެ ފަސްވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަންބްހާ މަލަންގިއަންއެވެ. އޭގެ ފަހުން މި މެޗުގެ 78 ވަނަ މިނެޓާ 84 ވަނަ މިނެޓްގައި އަބްޝާ ވަނީ އިންޑިއާއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ކުރިން ކަރްތަންގްމާވް ވަނީ އިންޑިއާގެ ހަތްވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ފައިނަލުގައި އިންޑިއާއާ ވާދަކުރަން ޖެހޭނީ ބަންގްލަދޭޝްއެވެ. ފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދީ ސެމީގައި 2-1 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކުރުމަށްފަހުއެވެ.