ޚަބަރު

ފިނިހޫނުމިން 40 ޑިގްރީއަށް މައްޗަށް ދާނެ ކަމަށް ލަފާ ނުކުރެވޭ


ރާއްޖޭގެ ފިނިހޫނުމިން 40 ޑިގްރީއަށް މައްޗަށް ދާނެ ލަފާ ނުކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން މިހެން ވިދާޅުވީ، ރާއްޖޭގެ ފިނިހޫނުމިން 40 ޑިގްރީއަށް ވުރެ މައްޗަށް ދާނެ ކަމަށްބުނެ، އާންމު ކަންބޮޑުވާފަދަ ގޮތަކަށް ސޯޝަލް މީޑިޔާއާއި، ބައެއް މީޑިޔާ ތަކުގައި ރިޕޯޓް ކުރަމުންދާ ޚަބަރާއި ގުޅޭގޮތުން ޕީ.އެސް.އެމާއި ވާހަކަދައްކަވަމުންނެވެ. 

އެ އިދަރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަލީ ޝަރީފް ވިދާޅުވީ، މާޗް މަހާއި ޖޫން މަހާ ދެމެދު އަންނަ ދުވަސްތަކަކީ އަބަދުވެސް ހޫނުވާ މިންވަރު އިތުރު ދުވަސްތަކެއް ކަމަށާއި، އެހެން ނަަމަވެސް، ސާޅީސް ޑިގްރީއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ރާއްޖޭގައި މޫސުމާ ބެހޭ ރެކޯޑްތައް އެއްކުރެވެން ފެށިފަހުން މިހާތަނަށްވެސް އެންމެ މައްޗަށް ރެކޯޑް ކުރެވިފައިވަނީ 36 ޑިގްރީ ސެލްސިއަސް ކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ. އެއީ 1996 ވަނަ އަހަރު ލ.ކައްދޫއިން ރެކޯޑް ކުރެވުނު މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ޝަރީފް ވިދާޅުވީ، ހޫނު ދުވަސްވަރުވެސް އެންމެ މައްޗަށް ރެކޯޑް ކުރެވެނީ އެވްރެޖްކޮށް، 33 އާއި 34 ޑިގްރީ ސެލްސިއަސް ކަމަށެވެ.

ރާއްޖޭގެ މޫސުމާ ގުޅޭގޮތުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންނަށް އޮޅުން އަރާނަމަ މެޓް އޮފީހަށް ގުޅުއްވުމަށްވެސް ޢަލީ ޝަރީފް އެދިވަޑައިގެންނެވިއެވެ.