ޔޫކްރެއިންގެ އިރުމަތީގައިވާ ދޮނެޓްސްކުގެ ރަށެއް ކަމުގައިވާ ކޮސްޓިޔަންތިނިވްކާގެ ކާރޫބާރޫ ބޮޑު މާރުކޭޓަކަށް ރަޝިޔާއިން ދިން މިސައިލް ހަމަލައެއްގައި ޢާންމުންގެ 17 މީހުން މަރުވެއްޖެއެވެ. ކޮސްޓިޔަންތިނިވްކާގެ މާރުކޭޓަކަށް ހަމަލަދީފައި ވަނީ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެ ތަނަށް ޖަމާވެފައިވާ ވަގުތެއްގައެވެ. އެ ރަށަކީ ހަނގުރާމައިގެ ކުރީ ސަފާ ކައިރީގައި އޮންނަ ރަށެކެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ މިސައިލް ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމުގައެވެ. މި ހަމަލާގައި ގިނަ ޢަދަދެއްގެ ޢާންމުން ޒަޚަމުވެފައިވާއިރު، ރަޝިޔާގެ މި ފަދަ ލާއިންސާނީ ހަމަލަތައް ހުއްޓުވަން ޖެހޭ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާގެ ހަމަލާގައި މަރުވެފައި ވަނީ ކުށެއް ނެތް ޢާންމުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މާރުކޭޓަށް އަމާޒުކޮށް ދިން ހަމަލައާ ގުޅޭ ގޮތުން ރަޝިޔާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ރަޝިޔާއިން ގަސްދުގައި ޔޫކްރެއިންގެ ޢާންމުންގެ ގެދޮރާއި، ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ހަމަލަދެމުންދާ ކަމަށް ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ރަޝިޔާއިން މި ފަދަ ތުހުމަތުތައް ދޮގު ކުރެއެވެ.
ރަޝިޔާއިން ކޮސްޓިޔަންތިނިވްކާއަށް ހަމަލަދީފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޔޫކްރެއިންގެ ވެރިރަށް ކީވަށް ކުރެއްވި ދަތުރުފުޅަކާ ދިމާކޮށެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ އެމެރިކާއިން ރަޝިޔާއަށް އިތުރު 1 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީ ފޯރުކޮށްދޭނެ ކަން އިޢުލާނު ކުރައްވާފައެވެ.
ކޮސްޓިޔަންތިނިވްކާއަށް ދީފައިވާ ހަމަލަ ވައިޓް ހައުސްއިން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޜޯން-ޕިޔަރ ވިދާޅުވީ، ރަޝިޔާގެ މި ފަދަ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުން ހާމަ ވަނީ، އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނަން ޖެހޭ ސަބަބު ކަމުގައެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 562 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.
އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.