ޚަބަރު

ރަޝިޔާއަށް ހަމަލަދޭން ބޭނުންކުރި ފަސް ޑްރޯން ވައްޓައިލައިފި


ރަޝިޔާގެ ދެކުނުގެ ސަރަޙައްދުގެ އިތުރުން ވެރިރަށް މޮސްކޯއަށް ހަމަލަދޭން ބޭނުންކުރި ފަސް ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. މޮސްކޯއަށް ހަމަލަދޭން ފޮނުވި ޑްރޯންތައް ވައްޓައިލާފައި މި ވަނީ، ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް ދެމުންދާ ޑްރޯން ހަމަލަތަކުގެ ޢަދަދު ފަހަކަށް އައިސް އިތުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޑްރޯންތައް ދިފާޢުކޮށް ވައްޓައިލުމުގެ ތެރޭގައި އެކަކު ޒަޚަމުވި ކަމުގައެވެ. އެއީ، މޮސްކޯއަށް ހަމަލަދޭން ބޭނުން ކޮށްފައިވާ ޑްރޯނެކެވެ. އެއް ޑްރޯން ވައްޓައިލާފައި ވަނީ މޮސްކޯގެ އިރުދެކުނުން 60 ކިލޯމީޓަރު ދުރުގައި އޮންނަ ރާނިންސްކްޔާއަށެވެ.

އެ ރަށުގެ އިސް އޮފިޝަލެއް ކަމުގައިވާ ނިކޮލައި ޚާނިން ވިދާޅުވީ ޑްރޯން ވެއްޓިފައި ވަނީ ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތެއް ކައިރިއަށް ކަމުގައެވެ. މި ހާދިސާގައި އެ ޢިމާރާތުގެ ފަސްވަނަ ފަންގިފިލައަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، މަގުމަތީގައި ޕާކު ކޮށްފައި އޮތް ހަތަރު އުޅަނދަށް ގެއްލުން ލިބުނެވެ.

ރަޝިޔާގެ ދެކުނުގައިވާ ރަސްތޮފަށް ވެސް އެއް ޑްރޯން ވެއްޓިފައިވާއިރު، އެ ޑްރޯން ވެއްޓިފައި ވަނީ އެ ރަށުގައި އޮންނަ އަސްކަރީ މަރުކަޒެއް ކައިރިއަށެވެ. އެއީ، ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ. އަދި، ޔޫކްރެއިންގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންގެ މައި މަރުކަޒު ވެސް އޮންނަނީ އެ ރަށުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރަސްތޮފަށް ދިން ޑްރޯން ހަމަލާގައި ދެ ބުރިއަށް ނަގާފައިވާ ޢިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި، މަގުމަތީގައި ޕާކު ކޮށްފައިވާ އުޅަނދުތަކަކަށް ގެއްލުންވިއެވެ. ރަސްތޮފަށް ހަމަލަދޭން ފޮނުވައިލި އިތުރު ދެ ޑްރޯން ވައްޓައިލާފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ޑްރޯން ހަމަލާގައި އެކަކު ޒަޚަމުވެފައި ވަނީ އެ ރަށުންނެވެ.

އިތުރު ޑްރޯން ހަމަލަތައް އަމާޒުކޮށްފައި ވަނީ ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބްރިޔަންސްކާއި ބިޔެލްގޮރޮދް ސަރަޙައްދަށެވެ. އާޓިލަރީ ބަޑި ބޭނުން ކޮށްގެން ވެސް ޔޫކްރެއިންގެ ފައުޖުތަކުން ދަނީ ބިޔެލްގޮރޮދަށް ހަމަލަ ދެމުންނެވެ. މި ހަމަލަތަކާ ގުޅިގެން ބިޔެލްގޮރޮދްގެ ފަސް ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވިއެވެ.

މޭ މަހުގެ 30 ވަނަ ދުވަހު ވެސް މޮސްކޯއަށް ވަރުގަދަ ޑްރޯން ހަމަލަތަކެއް ދީފައިވެއެވެ. އެ ހަމަލަތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތަށް ގެއްލުންވިއެވެ. އަދި، ޖުލައި 30 އާއި 31 ވަނަ ދުވަހު ދިން ޑްރޯން ހަމަލަތަކެއްގައި މޮސްކޯގައި ހުންނަ އެކްސްޕޯ ސެންޓަރު ކައިރީގައި ހުރި އެހެން ޢިމާރާތްތަކަށް ގެއްލުންވިއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނަށް އަމާޒުކޮށް ވެސް ޑްރޯން ހަމަލަތަކެއް ދޭން މަސައްކަތް ކޮށްފައިވެއެވެ. ކްރެމްލިނަށް ހަމަލަދޭން ބޭނުންކުރި ދެ ޑްރޯން ރަޝިޔާގެ ދިފާޢީ ނިޒާމު ބޭނުންކޮށް ވަނީ ވައްޓައިލާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 561 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.