ވިޔަފާރި

ތުލުސްދޫގައި ރަށްވެހި ފަތުރުވެރިކަން ތަރައްޤީކުރަން މިނިސްޓްރީން އެހީތެރިވެދެނީ


  • މިކަމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީއާއެކު ވަނީ ސޮއިކޮށްފައި

  • ޕްރޮމޯޓްކޮށް އިންވެސްޓަރުން ހޯދުމަށް މިނިސްޓްރީން އެހީތެރިވެދޭނެ

ކ.ތުލުސްދޫގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި ތުލުސްދޫ ކައުންސިލާއި ދެމެދު ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ، ތުލުސްދޫ ކައުންސިލާއެކު ވެވުނު މިއެއްބަސްވުމުގެ ދަށުން އެރަށުގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ފުޅާކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެއްވާނެކަމަށެވެ. އެގޮތުން ޓޫރިޒަމް ޕްރޮމޯޓްކުރުމާއި ޓޫރިޒަމް ތަރައްޤީކުރުމަށް ކައުންސިލުން އެދިއްޖެނަމަ އެކަންކަން ކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.

"މިއެއްބަސްވުމުގެ ދަށުން ތުލުސްދޫ ކައުންސިލަށް އެކިގޮތްގޮތަށް ފަންނީ އެހީތެރިކަން ޕްރޮވައިޑްކޮށްދެވިގެންދާނެ. މީގެތެރޭގައި ފާހަގަކޮށްލަން ޓޫރިޒަމް ޒޯން ޕްލޭންކުރުމުގައާއި، އިންފްރާސްޓްރަކްޗަރ ރިކުއަޔާމަންޓްގެ ގޮތުގައި މިނިސްޓްރީ މިބަލާ ކަންތައްތައް ބެލުމުގައާއި، އަދި އޭގެ އިތުރުން މާކެޓިން އަދި ޕްރޮމޯޝަން، އަދި އިންވެސްޓަރުން ހޯދުމުގައިވެސް މިނިސްޓްރީގެ ފަރާތުން ތުލުސްދޫ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ." ޝިނާން ވިދާޅުވިއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވަނީ މިކަމަކީ އެކައުންސިލުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަން ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާފައެވެ.

"މިއެއްބަސްވުމުގެ ސަބަބުން ތުލުސްދޫގެ ކުރިމަގަށްޓަކައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ތުލުސްދޫގައިވެސް ވަރަށް ގިނަ ޓޫރިޒަމް ޒޯންތައް މިހާރު ވާނީ ކަނޑައެޅިފައި. އަދި ލޭންޑް ޔޫސް ޕްލޭންވެސް ވަނީ ފާސްކޮށް ނިމިފައި". އަސްލަމް މޫސާ ވިދާޅުވިއެވެ.

ތުލުސްދޫ ކައުންސިލާއެކު ޓުރިޒަމް މިނިސްޓްރީން ސޮއިކުރެއްވި މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ނިލްފާއެވެ. ތުލުސްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.

ތުލުސްދޫއަކީ މިހާރުވެސް ވަރަށް ފުޅާދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރަމުން އަންނަ ރަށެކެވެ. ގިނަ އަދަދެއްގެ މީހުން އަންނަނީ ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިވެސް ފަށަމުންނެވެ.