ކުޅިވަރު

ލީގު ހޯދުން އެއީ ވެސްނުމެއް ނޫން، އެކަމަކު ވާދަކުރާނަން: މޯހަން


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކުރުމަކީ މި ވަގުތު ވިސްނާ ކަމެއް ނޫން ކަމަށާއި, އެކަމަކު ކުލަބު އީގަލްސް ލީގަށް ވާދަކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ލީގުގައި އެންމެ ފަހުން ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަދައްކަމުން މޯހަން ބުނީ އޭނާގެ ވިސްނުން ހުރީ ހަމައެކަނި ކުރިއަށްހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށާއި، އެގޮތުން އީގަލްސް އަބަދުވެސް ވިސްނާނީ ކުރިއަށް އޮންނަ މެޗަށް ކަމަށެވެ.

މި ސީޒަންގައި ވަކި ހިސާބަކުން އީގަލްސްއާ ހަވާލުވި މޯހަން ބުނީ މެޗުތަކުގެ ނަތީޖާ އެއްގޮތަކަށްވެސް ބުނަން ނޭގޭ ކަމަށާއި، ވަރަށް ފަސޭހަ މެޗަކުންވެސް ޕޮއިންޓް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި ލީގު ހޯދުމުގެ ވިސްނުން މި ވަގުތު ނެތް ނަމަވެސް، ޕޮއިންޓުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގާތްވަމުންދާ ވަރަކަށް، އެ ޓީމާ ވާދަކުރަމުން ދާނެ ކަމަށްވެސް ބުންޏެވެ. އެގޮތުން ލީގުގައި ކޮންމެ މެޗަކީވެސް އެވިސްނުމުގައި އީގަލްސް ވާދަކުރާނެ މެޗެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މޯހަން ބުނީ ވާދަވެރި ޓީމެއްގެ ހައްސިޔަތުން އީގަލްސް އަށްވުރެ މާޒިޔާ ފެންނަނީ ހުރިހާ ގޮތަކުން ތަފާތު ބޮޑުކޮށް ކަމަށެވެ. އަދި ނަތީޖާތަށް ކޮންމެ ގޮތަކަށް ނުކުތް ކަމުގަވިޔަސް އީގަލްސް ވަރަށް ވަރުގަދައަށް މާޒިޔާ ވާދަކުރަން ޖެހޭނެ ކަމަށްވެސް ބުންޏެވެ. މޯހަން ބުނީ ބޭނުންވަނީ ދަޑުމަތީގަ އެ ޗެލެންޖް ދައްކަން ކަމަށާއި، ލީގުގައި ބާކީ ގިނަ މެޗުތަކެއް ހުރުމުން އަދި ލީގު ހޯދުމާމެދު ވިސްނުން ތަންކޮޅެއް ދުރު ކަމަށެވެ.

"
މީގަ ދެން މާޒިޔާ މިފެންނާނީ ވަރަށް ތަފާތުކޮށް. އެހެން ނަމަވެސް އަޅުގަނޑުމެން ޗެލުންޖް ކުރާނަން. ބޭނުންވަނީ އެ ޗެލެންޖު ދަނޑުމަތިން ދައްކަން. އެކަމަކު ލީގު ހޯދުން އެއީ މި ވަގުތު އަޅުގަނޑުމެންގެ ވިސްނުމެއް ނޫން.
މުޙައްމަދު ޝިޔާޒް (މޯހަން) - ކުލަބު އީގަލްސްގެ ކޯޗު

މި ސީޒަންގައި ލީގު ހޯދުމުގެ ރޭހުގައި އެންމެ ވާދަވެރިކޮށް ފެނިގެންދަނީ މާޒިޔާ އާއި އީގަލްސްއެވެ. މި ވަގުތު ލީގުގެ އެއްވަނައިގައި މާޒިޔާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އެއް ޕޮއިންޓުގެ ލީޑަކާއެކު އޮތީ އީގަލްސްއެވެ. އީގަލްސް ވަނީ ލީގުގައި ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ހޯދާފައެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ލީގުގެ ކުޅުން ދެ މަހެއްހާ ދުވަހަށް މެދުކަނޑާލާފައިވާއިރު، ބްރޭކަށްފަހު ދެން އެންމެ އަވަހަށްވެސް ލީގު މެޗެއް ކުޅޭނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހެވެ.