ކުޅިވަރު

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް


ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ 55 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ މުޙައްމަދު ޔާމީން (ޔާންބެ) އާއި އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފިއެވެ.

މިމަހުގެ އެކަކުން ހަތަކަށް ކުރިއަށްދާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ޔާމްބެ ރަން މެޑަލް ހޯދީ 85 ކިލޯ ކެޓަގަރީންނެވެ.

ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް މިދިޔަ ތިން އަހަރުވެސް ހޯދި ޔާމްބެ ވަނީ މިދިޔަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ޗެލެންޖް ބޮޑު ބޮޑީބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދާފަ އެވެ. އަދި މިއަހަރު ރާއްޖޭގައި އޮތް ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކޮށްވެސް ރަން މެޑަލް ހޯދާފަ އެވެ.

މިފަހަރުގެ އޭޝިއާ މުބާރާތުން އަޒްނީން ރަޝާދު ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކް ބައިގެ 170 ސެންޓިމީޓަރު ކެޓަގަރީގަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް އޭޝިއާ މުބާރާތުންނާއި، މިއަހަރުގެ ދެކުނު އޭޝިއާ މުބާރާތުންގެ ސްޕޯޓްސް ފިޒީކް ބައިންވެސް ރަން މެޑަލް ހޯދާފަ އެވެ. އަދި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުންވެސް އޭނާ ވަނީ ސްޕޯޓްސް ފިޒީކް ބައިން ރަން މެޑަލް ހޯދާފަ އެވެ.

އޭޝިއަން ޗެމްޕިއަންޝިޕުގައި މިފަހަރު ރާއްޖެއިން ވާދަކުރި އެހެން އެތުލީޓުންނަށް ބަލާއިރު، އަބްދުﷲ އަހުސަން ވަނީ އެތުލެޓިކް ފިޒީކް ބައިގެ 167 ސެންޓިމީޓަރުގެ ކެޓަގަރީން ރިހި މެޑަލް ހޯދާފަ އެވެ. އަހުސަން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތައިލެންޑުގައި ކުރިއަށްދިޔަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ބްރޯންޒް މެޑަލް ހޯދާފައިވާ އެތުލެޓީކެވެ.

އޭޝިއާ ޗެމްޕިއަންޝިޕުގައި ދެން މެޑަލް ހޯދީ ފަތުހުﷲ މުހައްމަދު އެވެ. އޭނާ ވަނީ އެތުލެޓިކް ފިޒީކް ބައިގެ 160 ސެންޓިމީޓަރު ކެޓަގަރީން ބްރޯންޒް މެޑަލް ހޯދާފަ އެވެ. ފަތުހުﷲ ވަނީ މިދިޔަ އަހަރު އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީން ރިހި މެޑަލް ހޯދާފަ އެވެ. އަދި މިދިޔަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި އޭނާ ވަނީ ބްރޯންޒް މެޑަލްވެސް ހޯދާފަ އެވެ.

އޭޝިއާ މުބާރާތުން މިފަހަރުވެސް ގިނަ ކާމިޔާބީތަކެއް ބޮޑީބިލްޑިން އިން ހޯދިއިރު، މި ކުޅިވަރަކީ ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އެންމެ ގިނަ ބައިނަލްއަގްވާމީ މެޑަލް ރާއްޖެއަށް ހޯދައިދޭ ކުޅިވަރެވެ.