ޚަބަރު

ޑިގްރީ ހާސިލްކުރުމާއެކު ޓީޗަރުންގެ ރޭންކް 7އަށް ބަދަލުވާނެ


  • ކުރީގެ އުސޫލުގައި ޑިގްރީ ހާސިލްކުރާ މުދައްރިސުންނަށް ރޭންކް 7އަށް ބަދަލުވެވެނީ 2 އަހަރު ފަހުން

  • އައު އުސޫލާއެކު، ރޭންކް މަތިވެ މުސާރައަށްވެސް ހެޔޮ ބަދަލު އަންނާނެ

ޑިގްރީ ފުރިހަމަކުރާ ޓީޗަރުން އިތުރު 2 އަހަރު މަޑުކުރަންނުޖެހި، ޕަބްލިކް ސަރވިސް ރޭންކް 7އަށް ބަދަލުވެވޭގޮތަށް އުސޫލު އެކުލަވާލައްވައިފިއެވެ.

މިބަދަލަކީ ޓީޗަރުންގެ މިންކުރާ އޮނިގަނޑަށް ސިވިލް ސަރވިސް ކޮމިޝަނުން ގެންނެވި ބަދަލެކެވެ. ކޮމިޝަނުން ވިދާޅުވީ ވަޒީފާ އަދާކުރަމުންދާ، ޕަބްލިކް ސަރވިސް ރޭންކް 5ގައިވާ ޓީޗަރުން ޑިގްރީ ޙާސިލްކުރުމުން، އިތުރު ތަޖުރިބާގެ މުއްދަތާ ނުލާ ރޭންކް 7އަށް ބަދަލުވާނެކަމަށެވެ.

މިއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ކުރިން އޮންނަ އުސޫލުގައި، ރޭންކް 7 އަށް ދެވެނީ ޑިޕްލޮމާ އަދި ޑިގްރީ ފުރިހަމަކުރުމަށްފަހު، ޚިދުމަތުގައި އިތުރު 2 އަހަރު މަސައްކަތް ކުރުމުންކަމަށެވެ. ނަމަވެސް މި ގެނައި ބަދަލާއެކު، ޑިގްރީ ފުރިހަމަކުރުމުން އިތުރަށް މަޑުކުރުމާއި ނުލައި، ވަޒީފާގެ ކުރިއެރުން މުދައްރިސުންނަށް ހަމަޖެހޭނެކަމަށެވެ.

މިއާއެކު މުދަރިސުންނަށް މުސާރައިގެ ކުރިއެރުންވެސް ލިބޭނެއެވެ. މިނިސްޓަރ ވިދާޅުވީ، މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެ މުދައްރިސަކީވެސް ދަށްވެގެން ބެޗްލަރސް ޑިގްރީ ފުރިހަމަކޮށްފައިވާ މުދައްރިސަކަށް ވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށެވެ.

ޓީޗަރުންގެ މިންކުރާ އޮނިގަނޑަށް ސިވިލް ސަރވިސް ކޮމިޝަނުން މިބަދަލު ގެންނެވިކަން މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކަށްވެސް އަންގަވާފައެވެ. އަދި ކޮމިޝަނުން ވަނީ މި މިންގަނޑާ އެއްގޮތަށް، ސްކޫލްތަކުގެ ސްޓަރފް ރިކުއަރމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފާސްކުރުމަށް ކޮމިޝަނަށް ހުށައެޅުމަށް ސްކޫލްތަކަށް އަންގަވާފައެވެ. އަދި ފާސްވުމުން، އައު މިންގަނޑުގެތެރެއިން އުފައްދަންޖެހޭ މަޤާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށައަޅައިގެން ކުރިއަށްގެންދިއުމަށް ވަނީ އަންގަވާފައެވެ.

ކޮމިޝަނުން ވިދާޅުވީ މަޤާމުތައް އުފެދުމުން، މިހިނގާ ސެޕްޓެމްބަރު މަހުގެތެރޭގައި، މަޤާމުތައް އިޢުލާންކޮށް ޓީޗަރުންގެ މަޤާމު ބަދަލުކުރުމުގެ މަސައްކަތް ސްކޫލްތަކާއި ގުޅިގެން ކުރިއަށްގެންދެވުމަށް އެޑިއުކޭޝަން މިނިސްޓްރީއަށްވެސް އަންގަވާފައިވާކަމަށެވެ.

މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ، މުދައްރިސުން ޑިގްރީ ފެންވަރަށް ގެނައުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި މިދިޔަ އަހަރުވަނީ މުދައްރިސުންގެ މުސާރަވެސް ބޮޑުކުރައްވާފައެވެ.