ކުޅިވަރު

އެފްއޭއެމް އިންތިހާބު ބޭއްވުމަށް ރާއްޖެއަށް ފަހުގެ ފުރުސަތު ދީފި


އެފްއޭއެފްގެ އިންތިހާބު ބޭއްވުމަށް ފަހު ފުރުސަތު ފީފާއިން ރާއްޖެއަށް ދީފިއެވެ. ދިގުލައިގެން ގޮސްފައިވާ އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން ފީފާއިން ނިންމި ގޮތް މިއަދު ވަނީ ހާމަކޮށްފައެވެ. 

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއޭއެމްގެ އަސާސީ ޤަވާއިދު ފީފާގެ ރީފޯމް އެޖެންޑާއާ ޚިލާފަށް އިސްލާހުކޮށްފައިވާތީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް ފީފާއިން މީގެ ކުރިން ވަނީ ބުނެފައެވެ. މަޝްވަރާތަކަށްފަހު ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ވަގުތު މޭމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީއަށް ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލާއި ފާތިމަތު ނަސްމާ ނިޔާޒު އިތުރުކުރަންވެސް ފީފާއިން ވަނީ ނިންމާފައެވެ. 

މިމަހު ބޭއްވި އެފްއޭއެމް ކޮންގްރެސްގައި ވަނީ އެކްސްކޯ މެމްބަރުންގެ ތެރެއަށް އަންހެން މެމްމަބރަަކު އިތުރުކުރަން ގެނައި އިސްލާހު ބޭރުކޮށްފަ. އަދި އަތޮޅު ތަކަށް އެފްއޭއެމްގެ ވޯޓްގައި ބައިވެރުވުމަށް ގެނައި އިސްލާހުވެސް އެދުވަހުގެ ކޮންގްރެސްގައި ވަނީ ފާސްނުކޮށް ބޭރުކޮށްފައެވެ. މިކަމާ ގުޅިގެން ފީފާއިން ވަނީ މިއީ ފީފާގެ ރީފޯމް އެޖެންޑާއާ ޚިލާފްވާ ކަމަކަށްބުނެ ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު މޭ މަސް ނިމުމުގެ ކުރިން ބޭއްވުމަށް ފީފާއިން ފުރުސަތު ދިން ނަމަވެސް މިމުއްދަތުގައި އިންތިހާބު ނުބޭއްވިއްޖެ ނަމަ ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފިފާއިން ދީފައިވާ ކަމަށެވެ.

"މިއީ ފަހުގެ ފުރުސަތު. ދެން މިފުރުސަތުގައި އިންތިހާބު ނުބޭއްވިއްޖެ ނަމަ ރާއްޖެ ވާނީ ސަސްޕެންޑް" ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވަނީ އެފްއޭއެމް އިންތިހާބުގައި ކެންޑިޑޭޓުންނަށް އަލުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ.