ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހުޅަނގު އައްސޭރީގެ ޠުލްކަރްމުގައި އޮންނަ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕަށް އަރައި ލާއިންސާނީ އުދުވާންތަކެއް ހިންގުމަށް ފަހު ފަލަސްޠީނުގެ ޒުވާނެއް ޝަހީދު ކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 21 އަހަރުގެ ޢާޔަޟް ސާމިޙް ޚާލިދް އަބޫ ޙަރްބު ކަމުގައެވެ.
ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޠުލްކަރްމަށް އަރައި ޔަހޫދީ ޖައްބާރު ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި އެ ރަށުގައި އޮންނަ ނޫރް ޝަމްސު ރެފިއުޖީ ކޭމްޕަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވަނީ ސުންނާފަތި ކޮށްލާފައެވެ. މި ޢުދުވާންތަކުގައި ފަލަސްޠީނުގެ އިތުރު މީހަކު ޒަޚަމުވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ޢާޔަޟް ސާމިޙް ޚާލިދް އަބޫ ޙަރްބު ޝަހީދު ކޮށްލާފައި ވަނީ އޭނާގެ ބޮލަށް ބަޑި ޖަހައިގެންނެވެ. އޭނާގެ ޖަނާޒާގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިން ނޫރް ޝަމްސު ރެފިއުޖީ ކޭމްޕަށް އަރާފައި ވަނީ ބަރު ހަތިޔާރާއި ބުލްޑޯޒަރު ފަދަ އުޅަނދުފަހަރާ އެކު ފަތިހުގެ ވަގުތުގައެވެ.
ފުރަމަތަ ވެސް ޔަހޫދީ ސިފައިން ސުންނާފަތި ކޮށްލާފައި ވަނީ އެ ކޭމްޕަށް ވަދެވެން އޮންނަ މައި މަގެވެ. އެއަށްފަހު ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ހަމަލަދޭން ފެށިއެވެ. އަދި، ބުލްޑޯޒަރުތައް ބޭނުންކޮށްގެން ގިނަ ޢަދަދެއްގެ ޢިމާރާތް ސުންނާފަތި ކޮށްލިއެވެ. ތިން ގަޑިއިރު ފަހުން ޔަހޫދީ ޓެރެރިސްޓު ސިފައިން އެ ކޭމްޕުން ފޭބީ، ގިނަ ޢަދަދެއްގެ ފިހާރަތަކަށް ވެސް ގެއްލުން ދީފައެވެ. މި ހާދިސާއާ ގުޅިގެން އެ ކޭމްޕުގެ ސްކޫލްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
ނޫރް ޝަމްސު ރެފިއުޖީ ކޭމްޕުގެ އިސް އޮފިޝަލެއް ކަމުގައިވާ ޠާޙާ އަލް-އީރާނީ ވިދާޅުވީ ޔަހޫދީ ސިފައިން ޢާޔަޟަށް ހަމަލަދީފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓާ ކަމުގައެވެ. އޭނާގެ ބޮލަށް ބަޑިޖަހައި ޝަހީދު ކޮށްލާފައިވާއިރު، ޓެކްސީ ދުއްވާ މީހަކަށް ވެސް ޔަހޫދީ ޓެރެރިސްޓު ސިފައިން ހަމަލަދީ ޒަޚަމުކޮށްލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ނޫރް ޝަމްސު ރެފިއުޖީ ކޭމްޕަކީ ޠުލްކަރްމުގައި އޮންނަ ދެ ރެފިއުޖީ ކޭމްޕުގެ ތެރެއިން އެއް ކޭމްޕެވެ. އެ ކޭމްޕު ހުޅުވާފައި ވަނީ 1952 ވަނަ އަހަރުއެވެ. އެ ކޭމްޕުގައި ދިރިއުޅެނީ، 1948 ވަނަ އަހަރު ޔަހޫދީން ހިންގި ގަތުލުއާންމުގައި ގެދޮރުނެތިފައިވާ ފަލަސްޠީނުގެ ރެފިއުޖީންނެވެ.
ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީން މީހުންގެ ޢަދަދު މިހާރު ވަނީ 232 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. ޖުލައި މަހުގެ ކުރީކޮޅު ޔަހޫދީ ސިފައިން ޖިނީން ރެފިއުޖީ ކޭމްޕުގައި ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ. އަދި، އެ ކޭމްޕު ސުންނާފަތިކޮށްލިއެވެ.
ޔަހުދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ޢަދަދު މިހާރު 490,000 އަށް އަރައެވެ.