ވިޔަފާރި

ވެލިއު އެޑަޑް އުފެއްދުންތަކާއެކު މަހުގެ އެކްސްޕޯޓް %26 އިތުރުވެއްޖެ


  • ކުންފުނިތަކުން މަސް ގަތް އަދަދު އަދި އެކްސްޕޯޓްވެސް އިތުރު

  • އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި މަސް

  • ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކުރި މިންވަރު ދަށް

މިއަހަރުގެ 2 ވަނަ ކުއާޓަރގައި ރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކާގޮތުން ނިމުނު ކުއާޓަރގައި ކުންފުނިތަކުން މަސް ގަތް އަދަދާއި މަސް އެކްސްޕޯޓް ކޮށްފައިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރއާއި އަޅާބަލާއިރު މިއަހަރުގެ 2 ވަނަ ކުއާޓަރގައި ކުންފުނިތަކުން މަސް ގަތް މިންވަރު ވަނީ %9 އިތުރުވެފައެވެ. އެއީ މުޅި ޖުމްލަ 19،518.6 މެޓްރިކް ޓަނެވެ. އެގޮތުން ކަންނެލި އަދި ރީނދޫއުރަހަ ކަންނެލި ގަތް މިންވަރު އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ 2 ވަނަ ކުއާޓަރގައި މަސް އެކްސްޕޯޓްކުރި މިންވަރު %26 ވަނީ އިތުރުވެފައެވެ. އެއީ 24،924 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވަނީ މިމުއްދަތުގައި ދަޅުގައި އަދި ޕައުޗްގައި ބަންދުކުރި މަހުގެ އަދަދާއި، ގަނޑުކުރި ކަންނެލި އެކްސްޕޯޓްކުރި މިންވަރު އިތުރުވެފައިވުމުގެ ސަބަބުންކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ %132 އިތުރުވެފައެވެ. އަދި ގަނޑުކުރި ކަންނެލި އެކްސްޕޯޓްކުރި މިންވަރު %19 އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މީގެއިތުރުން މިމުއްދަތުގައި ހިއްކާފައިވާ މަސް އެކްސްޕޯޓްކުރި މިންވަރުވެސް %68 ވަނީ އިތުރުވެފައެވެ. ނަމަވެސް ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކުރި މިންވަރު ދަށްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

މިފްކޯގެ މަސް ގަންނަ ކާރުހާނާތައް އަޕްގްރޭޑްކޮށް ކެޕޭސިޓީ އިތުރުކުރުމުގެ ބިޔަ ޕްރޮޖެކްޓެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. މިފްކޯއަށް އިތުރުކުރެވޭ ކެޕޭސިޓީއާއިއެކު މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް ދޫކުރެވޭ ފައިސާގެ އަދަދު ދެގުނަކޮށް މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ތާޒާކަމާއިއެކު މަސް ގަނެ އެ ޕްރޮސެސްކޮށް ވެލިއު އެޑްކުރުމަށްފަހު އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ބުނެެއެވެ.