ކުޅިވަރު

ކުއަޓަރ ފައިނަލްގައި ސިޓީއާ ޕީއެސްޖީ ވާދަކުރަން ޖެހިއްޖެ.


ޗެމްޕިއަންސް ލީގުގެ ކުއަޓަރ ފައިނަލްގައި ޕީއެސްޖީއާ މެންޗެސްޓަރ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.

މިއަދު ނެގި ގުރުލުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއަޓަރ ފައިނަލްގައި ޓީމްތަށް ވާދަކުރަން ޖެހޭގޮތް ވަނީ އިނގިގެންގޮސްފައެވެ. ސިޓީއާ ޕީއެސްޖީއާ ވާދަކުރަން ޖެހުނުއިރު ސިޓީއަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއަޓަރ ފައިނަލަށް ދަތުރުކުރި ހަމައެކަނި އިނގިރޭސިވިލާތުގެ ޓީމެވެ. އަދި މިއީ ސިޓީ ތާރީހުގައިވެސް ކުއަޓަރ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޕީއެސްޖީ ކުއަޓަރ ފައިނަލަށް ދަތުރުކުރީ އިންގްލެންޑްގެ ޗެލްސީ ބަލިކުރުމަށްފަހުއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ވާދަކުރަން ޖެހުނީ އެތުލެޓިކޯ މެޑްރިޑާއެވެ. މިދެޓީމް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައިވަނީ 2014 ވަނަ އަހަރުގެ ކުއަޓަރ ފައިނަލްގައެވެ. އެއަހަރު ބާސާ ބަލިކޮށް ސެމީއިން ޖާގަ ހޯދީ އެތުލެޓިކޯ މެޑްރިޑެވެ. ނަމަވެސް ފަހަކަށް އައިސް މިދެޓީމް ވާދަކުރި ގިނަ މެޗްތަށް ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއެވެ. 

ސްޕެއިންގެ ރެއާލްމެޑްރިޑް ކުއަޓަރ ފައިނަލްގައި ވާދަކުރަން ޖެހުނީ ޖަރުމަނުގެ ވުލްސްބާގާއެވެ. އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުއަޓަރ ފައިނަލްގައި ވާދަކުރަން ޖެހުނީ ޕޯޗްގަލްގެ ބެންފީކާއާއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއަޓަރ ފައިނަލް މެޗްތަށް ކުޅޭނީ އަންނަ މަހުއެވެ.