ސްޕެއިންގެ މެދުތެރޭ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ދެ މީހުން މަރުވެ، އިތުރު ތިން މީހަކު ގެއްލިއްޖެއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ސްޕެއިންގެ ވެރިރަށް މެދްރިދާއި، އެ ރަށުގެ ހުޅަނގުދެކުނުގައިވާ ސަރަޙައްދުތަކަށެވެ.
މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި މެދްރިދުގެ ހުޅަނގުދެކުނުން އޮންނަ ތޮލޭދޯ ހިމެނެއެވެ. އެއީ މެދްރިދާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ފެންބޮޑުވުމާ ގުޅިގެން އެ ރަށުގެ ގިނަ މަގުތައް ވަނީ ބަންދުވެފައެވެ. އަދި، ސަބްވޭއާއި ރޭލު ދަތުރުފަތުރުގެ ޚިދުމަތްތައް ވަނީ މެދުކެނޑައިލާފައެވެ.
އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ މީހުންގެ ގެދޮރުގައި ތާށިވެފައިވާ ކަމުގައި މެދްރިދްގެ އޮފިޝަލުން ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެ މީހުންގެ ގެދޮރުގެ ފުރާޅުތަކަށް އަރައި، ބޮޑުވަމުން ދިޔަ ފެންގަނޑުން ރައްކާތެރި ކަން ހޯދާފައެވެ. ގެތަކުގެ ފުރާޅުތަކުގެ މަތީގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރުތައް ބޭނުން ކޮށްގެން ސްޕެއިންގެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާގެ އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި ވިއްސާރައިގެ ސަބަބުން މެދްރިދާއި ތޮލޭދޯގެ އިތުރުން ކެސްޓިއްޔާ ލަ މާންޗާ، ކަތަލޫންޏާ އަދި ވަލެންސިޔާގެ ސަރަޙައްދުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މަގުތަކުގައި ފެންބޮޑުވެ، ކިސަޑުގެ ކޯރުތައް ހެދި، ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުފަހަރަށް ގެއްލުން ލިބިފައިވާ ކަމުގައި އެ ސަރަޙައްދުތަކުން ރިޕޯޓު ކުރެއެވެ.
ފެންބޮޑުވުމާ ގުޅިގެން ދެ މީހަކު މަރުވެފައި ވަނީ ތޮލޭދޯއިންނެވެ. މި ވިއްސާރައާ ގުޅިގެން 1,200 އަށްވުރެ ތަފާތު ހާދިސާ ހިނގާފައިވާ ކަމުގައި ސްޕެއިންގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނެއެވެ. ފެންބޮޑުވުމާ ގުޅިގެން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ދެބަފައިންނެވެ.
އެ މީހުން ގެއްލުނީ ފެންބޮޑުވެ، ކޯރު ހެދި، އެ މީހުން ދަތުރު ކުރަމުން ދިޔަ ކާރު އަލްބެރްޗޭ ކޯރުގެ ތެރެއަށް ދަމައިގަތުމާ ގުޅިގެން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އޮޔާ ގެންދިޔަ ފިރިހެން ކުއްޖާ މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. ގެއްލިފައިވާ އިތުރު މީހުންގެ ތެރޭގައި 84 އަހަރުގެ އަންހެނަކާއި ފިރިހެނެއް ހިމެނެއެވެ. އޭގެ ތެރެއިން ފިރިހެން މީހާ ގެއްލިފައި ވަނީ މެދްރިދްގެ ހުޅަނގުން އޮންނަ ވިޔަމަންތާއިންނެވެ. އެ މީހުން ހޯދުމަށް އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.