ކުޅިވަރު

އެސްޓަން ވިލާ ބަލިކޮށް ލިވަޕޫލް ތާވަލުގެ ތިންވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެ ތާވަލުގެ ތިންވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ލިވަޕޫލުން ވަނީ މިމެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޮމިނިކް ސްޒޯބޮސްޒްލައި އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެސްޓަންވިލާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލިވަޕޫލުން ކާމިޔާބުކުރިއިރު ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. މިއީ އެސްޓަން ވިލާގެ ޑިފެންޑަރު ކޭޝް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ލިވަޕޫލުންނެވެ. އަދި މި މެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.

މި މޮޅާއެކު ކުޅުނު ހަތަރު މެޗުން ލިވަޕޫލަށް 10 ޕޮއިންޓް ލިބިފައިވާއިރު މި ވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. މެޗުން ބަލިވި އެސްޓަން ވިލާއަށް ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.