ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ތ.ރުއްތިބިރަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ތ. ކިނބިދޫގައި ކައިރީގައި އޮންނަ ތ.ރުއްތިބިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހުޅުވާލީ މިދިޔަމަހު ރިސޯޓްތަކެއް ތަރައްޤީކުރުމަށް ހުޅުވާލި ބީލަމަށް އިސްލާހު ގެނައުމަށްފަހުކަމަށެވެ.
މިދިޔަމަހު ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލީ ހއ.މެދަފުށްޓާއި، ށ.ނަލަންދޫއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ދެ ރަށް ބީލަމަށް ހުޅުވާލި އިއުލާން އިސްލާހުކުރެއްވުމަށްފަހު، ތ.ރުއްތިބިރަށްވެސް އެ ބީލަމުގައި ހިމެނުމަށްފަހު މިހާރު ގެޒެޓްކުރައްވާފައިވާކަމަށެވެ.
މި 3 ރަށަށް ބީލަން ހުށެހެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަަހުގެ ހެނދުނު 10:00 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލައްވާފައެވެ.
ރިސޯޓް ތަރައްޤީ ކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ހއ. މެދަފުށީގައި 120 އެނދު ތ. ރުއްތިބިރަށުގައި 100 އެނދު އަދި ށ. ނަލަންދޫގައި 200 އެނދު ތަރައްގީކުރުމަށް ވަނީ ނިންމަވާފަައެވެ.
ސަރުކާރުން އަންނަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރު ރިސޯޓްތައް މަދު ސަަރަހައްދުތަކުގައި ރިސޯޓްތައް އިތުރުކުރެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައެވެ.