އިސްރާޢީލަށް ހިޖުރަކޮށްފައިވާ އެރިޓްރިޔާގެ ރެފިއުޖީންގެ ބަޔަކަށް ޔަހުދީ ފުލުހުން ހަމަލަދީ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުކޮށްލައިފިއެވެ. ޔަހޫދީ ފުލުހުންގެ ޝިކާރައަކަށްވެ އެރިޓްރިޔާގެ ގިނަ ޢަދަދެއްގެ ރެފިއުޖީން ޒަޚަމުވެފައި ވަނީ، އެރިޓްރިޔާގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ މީހުން ބޭއްވި މުޒާހަރާއެއްގެ ބައިވެރިންނާ ދިމާލަށް ޔަހޫދީ ފުލުހުން ބަޑިޖަހައި، ހަމަލަދިނުމާ ގުޅިގެންނެވެ.
މި ހަމަނުޖެހުންތައް ފެށުނީ އެރިޓްރިޔާގެ ސަރުކާރުން ތެލް އަވީވުގައި ބޭއްވި ހަފުލާއަކަށް ހުރަސް އަޅަން، އިސްރާޢީލަށް ހިޖުރަކޮށްފައިވާ އެރިޓްރިޔާގެ ރެފިއުޖީންތަކެއް މަސައްކަތް ކުރުމުންނެވެ. ތެލް އަވީވުގެ ދެކުނުގެ ސަރަޙައްދެއްގައި ބޭއްވި ހަފުލާ އިންތިޒާމު ކޮށްފައި ވަނީ އިސްރާޢީލުގައި ހުންނަ އެރިޓްރިޔާގެ އެމްބަސީންނެވެ.
އެ ހަފުލާއަށް ހުރަސް އެޅުމަށް އެރިޓްރިޔާގެ ރެފިއުޖީންގެ ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ. އެ ހަފުލާ ހުއްޓުވަން މަސައްކަތް ކުރި ރެފިއުޖީންގެ ޢަދަދު އެތަކެއް ސަތޭކައަކަށް އަރާނެ ކަމުގައި މަންޒަރު ފެނުނު ފަރާތްތަކުން ބުނެއެވެ. އެ މީހުން ހުއްޓުވަން ޔަހޫދީ އިސްރާޢީލުގެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި، ހަތިޔާރެއް ނެތް ރެފިއުޖީންގެ ތެރެއަށް ބަޑިޖަހައި، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުކޮށްލާފައެވެ.
ރެފިއުޖީން ބާއްވަމުން ދިޔަ މުޒާހަރާއަކީ ޤަވާޢީދާ ޚިލާފު މުޒާހަރާއެއްގެ ގޮތުގައި ޔަހޫދީ ފުލުހުން ކަނޑައެޅުމުން، ރެފިއުޖީން ވަނީ އެ ކަމާ ހިތްހަމަނުޖެހި، ނުރުހުން ފާޅުކުރަން ފަށާފައެވެ. އަދި، ބައެއް މީހުން ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ފުލުހުންނަށް ހަމަލަދޭން މަސައްކަތް ކޮށްފައިވާ ކަމުގައި ވެސް މަންޒަރު ފެނުނު ފަރާތްތަކުން ބުނެއެވެ.
މުޒާހަރާ ކުރަމުންދިޔަ ރެފިއުޖީންނަށް ބަޑިން ހަމަލަދީ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުކޮށްލުމަށް ފަހު ޔަހޫދީ ސިފައިން ވަނީ މުޒާހަރާ ކުރަމުން ދިޔަ ރެފިއުޖީންގެ ތެރެއިން 39 ވަރަކަށް މީހުން ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ކަމަށް ޔަހޫދީ ފުލުހުން ބުނެއެވެ.
މުޒާހަރާގެ ބައިވެރިންނަށް ޔަހޫދީ ފުލުހުން ބަޑި ޖަހައި ދިން ހަމަލަތަކުގައި 114 މީހަކު ޒަޚަމުވި ކަމުގައި ތެލް އަވީވުގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، އޭގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ. ޒަޚަމުވި މީހުންގެ ތެރެއިން 43 މީހަކު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އިސްރާޢީލަށް ހިޖުރަކޮށްފައިވާ އެރިޓްރިޔާގެ ރެފިއުޖީންގެ ޢަދަދު 17,850 އަށް އަރާ ކަމުގައި އިސްރާޢީލުން ބުނެއެވެ. އޭގެ ތެރެއިން ގިނަ މީހުން އެ ޤައުމަށް ހިޖުރަކޮށްފައި ވަނީ މިޞްރު މަގުންނެވެ. އެ މީހުން ދިރިއުޅެމުން ދަނީ ތެލް އަވީވުގެ އައްސޭރި ފަށުގައިވާ ފަޤީރު ސަރަޙައްދުތަކުގައެވެ. އެ ޤައުމަށް ހިޖުރަކޮށްފައިވާ އެރިޓްރިޔާގެ ރެފިއުޖީން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.