ޚަބަރު

ތޫފާން ހައިކުލީއާ ގުޅިގެން ތައިވާނުން ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި


ބާރުގަދަ ތޫފާނެއް ކަމުގައިވާ ހައިކުލީ ތައިވާނާ ދިމާލަށް ދަތުކުރަމުން ދިޔުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. ތޫފާން ހައިކުލީއަކީ ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ތައިވާނުގެ ސަރަޙައްދުތަކަށް އަރާ މި ފަދަ އެންމެ ބާރުގަދަ ތޫފާނެވެ. މި ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ކަމަށް ބެލެވެނީ ތައިވާނުގެ އިރުމަތީގެ ސަރަޙައްދުތަކަށެވެ.

މިއަދުގެ ވަގުތެއްގައި ތޫފާން ހައިކުލީ ތައިވާނުގެ އިރުމަތީގައިވާ ފަރުބަދަތީ ހިސާބެއް ކަމުގައިވާ ޓައިތޮންގަށް ފޯރާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން އަންދާޒާ ކުރެއެވެ. މި ތުފާނާ ގުޅިގެން އެ ސަރަޙައްދަށް މިހާރު ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި، ގަޑިއަކު 180 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

އެ އިދާރާގެ ޑެޕިޔުޓީ ޑިރެކްޓަރު ފޮންގ ޗިންޗްޒޫ ވިދާޅުވީ ހައިކުލީއާ އެކު އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ބެލެވޭ ކަމަށާއި، ބާރު ވަޔާއެކު ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސަރަޙައްދުތަކަށް ބިޔަ ރާޅާ އެކު އުދަ އަރާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ތޫފާން ހައިކުލީއާ ގުޅިގެން ތައިވާނުގެ ބައެއް ސަރަޙައްދުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ގޮތުން، އިރުމައްޗާއި ދެކުނުގައިވާ ރަށްތަކުގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި، ވިޔަފާރިތަކުގައި ވަނީ ތަޅު އަޅުވާފައެވެ. ތޫފާނާ އެކު ވައިގަދަވުމާ ގުޅިގެން 200 އަށްވުރެ ގިނަ ވައިގެ އުދުހުން ކެންސަލް ކޮށްފައިވާ ކަމުގައި ވެސް ތައިވާނުގެ އޮފިޝަލުން ވިދާޅުވިއެވެ.

ހައިކުލީގެ ނުރައްކަލާ ގުޅިގެން ތައިވާނުގެ ރައީސް ޓައި އިންގް-ވެން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އޭނާގެ ރައްޔިތުންނަށް އިރުޝާދު ދެއްވާފައެވެ. ތައިވާނުގެ ހަތް ރަށަކުން 2,800 އަށްވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން ގެންގޮސްފައި ވަނީ ޓައިތޮންގާ އިންވެގެން އޮންނަ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ހުއާލިއެނުންނެވެ.

މި ތޫފާނާ ގުޅިގެން ޓައިތޮންގާއި ހުއާލިއެންގައި ގިނަ ޢަދަދެއްގެ ބަޔަކު ހާލުގައި ޖެހޭނެ ކަމަށް ފެންނާތީ، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައިވާނުގެ އަސްކަރިއްޔާއިން ވަނީ މަސައްކަތް ފަށާފައެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން އަމިއްލަ ގެދޮރުގައި ތާށިވެދާނެ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް މިހާރުން ފެށިގެން މަސައްކަތް ފަށާފައެވެ.

ތައިވާންގެ ސަރަޙައްދުތަކަށް އެންމެ ފަހުން މި ފަދަ ބާރުގަދަ ތޫފާނެއް އަރާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު އެރި ތޫފާން ބެއިލޫއާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އެކަކު މަރުވިއެވެ. ހައިކުލީއަކީ މިހާރު ޗައިނާގެ އިރުމަތީގެ ސަރަޙައްދުތަކަށް އަރާފައިވާ ބާރުގަދަ ތޫފާނެއް ކަމުގައިވާ ސައޮލާއަށް ވުރެ ބާރު ދެރަ ތޫފާނެއް ނަމަވެސް، ހައިކުލީގެ ސަބަބުން ވެސް ބޮޑު ނުރައްކަލަކާ ކުރިމަތިވާނެ ކަމަށް ތައިވާނުގެ އޮފިޝަލުން ޤަބޫލުކުރެއެވެ.