ޚަބަރު

4 ރަށެއްގެ ބަނދަރު ތަރައްގީކުރުމާއި ރަސްދޫ މަޑިވަރު ފިނޮޅު އިޔާދަކުރަން އެމްޓީސީސީއަށް


  • ބަނދަރު ތަރައްގީ ކުރަނީ ގެމަނަފުށި، މާރަންދޫ، ފޮއްދޫ، ތަކަންދޫގައި

  • އއ.ރަސްދޫ މަޑިވަރު ފިނޮޅު އިއާދަކޮށް ތަރައްޤީކުރަންވެސްވަނީ ހަވާލުކުރައްވާފައި

4 ރަށެއްގެ ބަނދަރު ތަރައްގީކުރުމާއި ރަސްދޫ މަޑިވަރު ފިނޮޅު އިޔާދަކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކުރައްވައިފިއެވެ.

ބަނދަރު ތަރައްގީ ކުރަނީ ގއ.ގެމަނަފުށި، ހއ.މާރަންދޫ، ނ.ފޮއްދޫގެ އިތުރުން ހއ.ތަކަންދޫގައެވެ.

ބަނދަރު ތަރައްޤީ ކުރާ ރަށްރަށުގެ ތެރެއިން ގއ.ގެމަނަފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުތެރެއާއި އައު ބަނދަރު 5.3 މީޓަރަށް ފުން ކުރުމާއި 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓްޖެހުމާއި 221 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓަރ، ހެދުމާއި 11 މީޓަރުގެ ސަބްމާޖްޑް ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި 405 މީޓަރުގެ އެލް-ބްލޮކް ވާޓަރުހެދުން ހިމެނެއެވެ. މީގެ އިތުރުން 39 ބަނދަރު ބައްތި އާއި 2 ނެރު ބައްތި ހަރުކުރުމާއި ކޮންކްރީޓް ޖެޓީ ޤާއިމްކުރުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 70.1 މިލިޔަން ރުފިޔާއަށް 570 ދުވަސް ތެރޭގައި ނިންމާގޮތަށެއެވެ.

ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 9248 ކިޔުބިކް މީޓަރު ބަނދަރު ފުން ކުރުމާއި އައު ބަނދަރަށް 45000 ކިޔުބިކް މީޓަރު ފުންކުރުމާއި 1657 ކިޔުބިކް މީޓަރު ނެރު ފުން ކުރުން ހިމެނެއެވެ. އަދި 130 މީޓަރ ބޭރުތޮށިޖެހުމާއި 60 މީޓަރ ރިވެޓްމެންޓް ޖެހުމާއި 20 މީޓަރ ނެރުފައިކަށި ޖެހުމާއި 7 މީޓަރ ގްރޮއިން ޖެހުން ހިމެނެއެވެ. މީގެ އިތުރުން 215 މީޓަރ އެއްގަމު ތޮށި ޖެހުމާއި 215 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި 54 މޫރިންގ ރިންގް ހަރުކުރުމުގެ އިތުރުން 11 މޫރިންގ ބޮއި ހަރުކުރުމާއި ބައު ބަނދަރުގެ ވެލި ދެމުމުގެ މައްސަލަ ހައްލުކުރުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

އަދި ހަމަ އެހެންމެ ރޭންޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ޖެޓީ ހެދުމުގެ އިތުރުން 17 މަގު ބައްތި ހަރުކުރުމާއި 2 ނެރު ބައްތި ޖެހުމާއި 2291 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 43.9 މިލިޔަން ރުފިޔާއަށް 480 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ނ.ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރު 5.3 މީޓަރު ފުންކުރުމާއި، ނެރު 4 މީޓަރަށް ފުންކޮށް ކޮނުމާއި 20 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި 65 މީޓަރުގެ ނެރުފައިކަށި ޖެހުމާއި 165 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓަރ ހެދުން ހިމެނެއެވެ. އަދި 60 މީޓަރުގެ ލޯކްރެސްޓެޑް ބޮޑުހިލަ ބްރޭކްވޯޓަރ ހެދުމާއި 130 މީޓަރުގެ އެލް-ބްލޮކް ވާޓަރު ހެދުމާއި 7 ބަނދަރު ބައްތި އަދި 2 ނެރު ބައްތި ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން 120 މީޓަރުގެ ކޮން ކްރީޓް ޕޭވްމަންޓް ހެދުމަށްވެސްވަނީ ހަމަޖެހިފައެވެ
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 53.7 މިލިޔަން ރުފިޔާއަށް 390 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށެއެވެ.

ހއ. ތަކަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ދަށުން އައު ބަނދަރު 15565 ކިއުބިކް މީޓަރ ކޮނުމާއި 161 މީޓަރަށް ބޭރު ތޮށީގައި ހިލަ ޖެއްސުމާއި އެއްގަމު ތޮށީގައި 58 މީޓަރަށް ހިލަޖެއްސުމާއި 98 މީޓަރ ސޭންޑްފިލްޑް ބްރޭކް ވޯޓަރ ޖެހުން ހިމެނެއެވެ. މީގެ އިތުރުން 94 މީޓަރ ސޭންޑް ފިލްޑް ބްރޭކް ވޯޓަރ އެތެރެފަރާތު ބްލޮކް ޖެއްސުމާއި 7 މޫރިންގ ބޮއި ހަރުކުރުމާއި ބަނދަރު ލައިޓް ޖެހުމާއި ޕޭވްމަންޓް އެޅުން ހިމެނެއެވެ.
މި މަޝްރޫއު މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 46.5 މިލިޔަން ރުފިޔާއަށް 420 ދުވަސް ތެރޭގައި ނިންމާގޮތަށެއެވެ.

އއ.ރަސްދޫ އިހްތިސާސްގައި ހިމެނޭ މަޑިވަރު ފިނޮޅަކީ ޒަމާނުއްސުރެ އެރަށު ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރާ ރަށެކެވެ. މި ރަށުގެ ގޮނޑުދޮށުން ވެލިގަނޑު ގިރައިގެން ގޮސްފައިވާތީ، ކުރިން އޮތް ގޮތަށް ރަށް އިއާދަކޮށް ދެމެހެއްޓެނިވިގޮތެއްގައި ރަށް ބޭއްވުމަށްޓަކައި މި މަޝްރޫޢުގެ ދަށުން މަޑިވަރުގެ ވަށައިގެން 3 ހެކްޓަރުގެ ސަރަހައްދެއް ވެލިން މުއްސަނދިކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެވެލިގަނޑު ހިފެހެއްޓުމަށްޓަކައި 415 މީޓަރުގެ ޖިއޯޓިއުބު ޖަހައި ގޮނޑުދޮށް ޙިމާޔަތްވެސް ކުރާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ 27.6 މިލިޔަން ރުފިޔާއަށް 250 ދުވަސް ތެރޭގައި ނިންމާގޮތަށެއެވެ.

މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.