ޚަބަރު

އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރު 40 މިލިއަން ޑޮލަރު ލިބެނީ


އިބްރާހީމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރުޢަށް އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 40 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދޭނެކަމުގެ ޔަޤީންކަން ދީފައިވަނީ އެއަރޕޯޓް މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް މިހަފްތާގެ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ. img:http://s1.psmnews.mv/images/660x400/14582355269466.jpg|ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ސަޢޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރު ޖިހާދު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދެން ބާއްވާ އެ ފަންޑުގެ ބައްދަލުވުމުގައި އެ ފައިސާ އެޕްރޫވް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ދެއްވާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާންގައި ހާމަކޮށްފައިވެއެވެ. ނަމަވެސް އެ ލޯންގެ އިންޓަރެސްޓަކީ ކިހާވަރެއް ކަމެއް އަދި އަނބުރައި ފައިސާ ދައްކަންޖެހޭނީ ކިހާ ދުވަހަކުން ކަމެއް އެ މިނިސްޓްރީ ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓަރު ޖިހާދުގެ ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިންނާއި އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން އަދި އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމެންޓް ހިމެނޭގޮތަށް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ. އަދި އެ މަޝްވަރާތަކާ ގުޅިގެން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އައިޑީބީން މިހާރު ޔަގީންކޮށްދީފައިވާ 77 މިލިއަން ޑޮލަރު 110 މިލިއަން ޑޮލަރަށް އިތުރުކޮށްދިނުމަށް ބޯޑަށް ހުށަހަޅުއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް އައިޑީބީގެ ވެރިން ޔަގީންކޮށްދެއްވާފައިވާ ކަމަށްވެސް މި ބަޔާނުގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި އިސްލާމިކް ފައިނޭންސް ސެންޓަރު ތަރައްޤީ ކުރެއްވުމަށާއި ޢަމަލީ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެއްވާނެކަމަށްވެސް ވިދާޅުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.