ޚަބަރު

އައު ސިނާޢަތްތައް އުފައްދާ، އިޤުތިޞާދީ އިންގިލާބެއް ގެންނާނަން: ނާޒިމް


  • ރާއްޖެއަށް މުޅިން އައު 2 އިޤުތިޞާދީ ސިނާޢަތެއް ތަޢާރަފް ކުރައްވާނެކަމަށް

  • އެއީ އެޑިޔުކޭޝަންގެ ސިނާޢަތާއި، ޓެކްނޮލޮޖީ އަދި އިނޮވޭޝަންގެ ސިނާޢަތް

  • މި ސިނާޢަތުން ރާއްޖޭގެ އާމްދަނީ ބޮޑުތަނުން އިތުރު ކުރެވޭނެކަމަށް

ރައީސުލްޖުމްހޫރިއްޔަކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ އައު ސިނާޢަތްތައް އުފައްދާ، އިޤުތިޞާދީ އިންގިލާބެއް ގެންނަވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އާއި ސަންގު ޓީވީން ގުޅިގެން ަސ ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ސަންގު ބަހުސް 2023 ގައި ދަރަނި ދެއްކެވުމުގައި ގެންގުޅުއްވާނެ ސިޔާސަތާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ނާޒިމް ވިދާޅުވީ ދަރަނި ރީ-ސްޓްރަކްޗަރކޮށް، މަސްވެރިކަމުން ލިބޭ ނަފާއާއި ރިސޯޓުތަކުން ލިބޭ އާމްދަނީ އިތުރުކޮށް، ރާއްޖެއަށް އިޤުތިޞާދީ ބަދަލެއް ގެންނަވާނެކަމަށެވެ. މުޅިން އައު 2 އިޤުތިޞާދެއް ރާއްޖެއަށް ތަޢާރަފްކުރައްވާނެކަން ފާހަގަކުރައްވާ ނާޒިމް ވަނީ ތަޢުލީމީ ދާއިރާއާއި، ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ މުޅިން އައު ސިނާޢަތެއް ރާއްޖެއަށް ތަޢާރަފްކޮށް، އެ ސިނާޢަތްތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އިތުރު 2 އިންޑަސްޓްރީ ތަޢާރަފް ކުރާނަން. އެއީ އެޑިޔުކޭޝަން އިންޑަސްޓްރީ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން އިންޑަސްޓްރީ އަޅުގަނޑު އިތުރު ކުރާނަން. އިތުރުކުރެވުމާއިއެކީގައި ރާއްޖެއަށް ލިބޭ އާމްދަނީ ދެގުނައަށް އިތުރު ވެގެންދާނެ. އަދި ދައުލަތުގެ ޚަރަދުތައް ބޮޑު ތަނުން ކުޑަ ކުރާނަން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް ބޮޑެތިވަމުން އަންނަ ކުދިންނަށާއި ޒުވާނުންގެ ކުރިއެރުމަށް އަލިއަޅުއްވާލައްވާ ނާޒިމް ވިދާޅުވީ ޒުވާނުންނަށް ވަކި ހިއުމަން ރިސޯސް ޕްލޭނެއް އޮންނަންޖެހޭނެކަމަށެވެ. އަދި ދަރިވަރުން ކިޔަވަން ވާނީ އެއް ދަންފަޅިއަށް ކަމަށާއި، ދެން ލިބޭ ހުސް ވަގުތުގައި ތަޢުލީމީ ނިޒާމުގެ ތެރެއިން އެކި ހުނަރުތައް އެ ކުދިންނަށް ދަސްކޮށްދެވިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މުސްކުޅި ޢުމުރުފުޅާއިގެ މީހުންނަށް ޑޭ ކެއަރގެ ޚިދުމަތްވެސް ތަޢާރަފްކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ބަހުސްގައި ޞިއްޙީ ދާއިރާ އާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ބޭސް ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ޞިއްޙީ ދާއިރާގެ ތެރެއިންވެސް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެކަމަށެވެ. އެގޮތުން،ބޭނުންވާ ތަނަކުން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ ޞިއްޙީ އިންޝުއަރެންސް ކާޑެއް ތަޢާރަފްކުރައްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ޕްރައިމަރީ މަރުހަލާއިން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ހިލޭ ކިޔަވާ ދިނުމާއި، ޢާއިލާތަކަށް އުފާވެރިކަމާއި، އުޖާލާކަން ގެނެސްދިނުމަށްޓަކައި ރާއްޖޭގައި ތީމް ޕާކުތަކާއި، ސިނަޕްލެކްސްތައް އަޅާ ދެއްވާނެކަމަށެވެ. އަދި މިނިވަން ޕޭ ކޮމިޝަނެއް ތަޢާރަފްކޮށް، މުސާރަ ހާމަނައިޒްކޮށް، ދިވެހިން އެދޭ، އެކަށީގެންވާ މުސާރައެއް ދެއްވާނެކަމަށްވެސް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.