ޚަބަރު

ރިޔާސީ ބަހުސް: އެންމެ ފޯރިގަދަވީ އިގްތިސާދު، ދޭދޭ ގައުމުތަކުގެ ގުޅުން އަދި ހެޔޮވެރިކަމުގެ ވާހަކަ


  • މައިގަނޑު މައްސަލަތަކަށް ހައްލު ގެނައުމަށް ކުރާނެ މަސައްކަތްތައް ހިއްސާކުރެއްވި

  • ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަމަށް ކެނޑިޑޭޓުން. ވިދާޅުވި

  • ވާދަވެރިކަން ބޮޑުނަމަވެސް، ނާތަހުޒީބު އަމަލެއް ބަހުސުން ނުފެނޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ރިޔާސީ ބަހުސްގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދެއްވަން ރިޔާސީ ކެންޑިޑޭޓުން ގެންގުޅުއްވާނެ ސިޔާސަތުތައް ރައްޔިތުންނާއި ހިއްސާކޮށްފިއެވެ.

ގައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކު، ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އާއި ސަންގު ޓީވީން ބޭއްވި ބަހުސްގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންވެސް ބައިވެރިވޑައިގެންނެވިއެވެ.

ބިލަބޮންގް ސްކޫލުގައި އޮތް ބަހުސް އަޑު އެހުމަށް ދައުވަތު އަރުވައިގެން ވަޑައިގެންނެވި ބޭފުޅުންނާއި ދައުލަތުގެ އިއްޒަތްތެރިންނާއި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހާޒިރުވިއެވެ.

ވާދަވެރިކޮށް ދިޔަ ބަހުސްގެ ތެރެއިން ކެނޑިޑޭޓުންނާއި ވަނީ ތަފާތޫ ދާއިރާތަކުން ސުވާލުތައް އަމާޒުކޮށްފައެވެ. އޭގެތެރޭގައި އިގްތިސާދީ ކުރިއެރުން، ހާރިޖީ ސިޔާސަތާއި އުމްރާނީ ތަރައްގީއާއި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން އަދި އަންހެނުން ބާރުވެރިކުރުވުން ހިމެނެއެވެ.

ބަހުސްގައި އެކި ދާއިރާތަކުން ކުރިމަތިކުރުވި ސުވާލުތަކަކަށް ކެނޑިޑޭޓުން ވަނީ އެ ބޭފުޅުންގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ޖަވާބުދެއްވާފައެވެ. އަދި ކޮންމެ އެ ކެނޑިޑޭޓަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެއަށް ތަރައްގީގެ ރޮނގުން ގެނެސްދޭނެ ކަންކަމާއި ރައްޔިތުންނަށް އަންނާނެ ކުރިއެރުން ހާމަކޮށްދެއްވިއެވެ.

ބަހުސަށް ބަލާލާއިރު ކެނޑިޑޭޓުންގެ މެދުގައި އެންމެ ފޯރިގަދަކޮށް ދިޔައީ އިގްތިސާދީ ކުރިއެރުމާއި ދަރަނި ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކާއި ގުޅޭ ވާހަކަތަކާއި އެކި ގައުމުތަކާއެކު ބާއްވާ ގުޅުން އޮންނާނެ ގޮތުގެ ވަހަކައަށެވެ.

މީގެއިތުރުން ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދެމެހެއްޓުމަށްޓަކައި ކުރައްވާނެ މަސައްކަތްތަކާއި، ރާއްޖޭގައި ހެޔޮވެރިކަމެއް ގާއިމްކުުރުމަށް ގެންގުޅުއްވާނެ ސިޔާސަތުތައްވެސް ކެންޑިޑޭޓުން ހާމަކުރެއްވިއެވެ.

ދައުލަތުގެ ދަރަނީގެ މިންވަރު ބޮޑުނަމަވެސް އެ ދަރަންޏަކީ ދެއްކޭނެ ދަރަނިތަކެއްކަން ހުރިހާ ކެންޑިޑޭޓުންވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައްޔިތުންގެ އަތުން އިތުރު ޓެކްސްއެއް ތައާރަފް ނުކުރައްވާނެކަމަށްވެސް ހުރިހާ ކެނޑިޑޭޓުންވެސް ފާހަގަކުރެއްވިއެެވެ .

ބަހުސްގައި ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ވެރިކަންކުރާ،
އެމްޑިޕީ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުާއާ ދެމެދުއެވެ. އެގޮތުން ދެ ބޭފުޅުންގެ ހާރިޖީ ސިޔާސަތާއި ގުޅޭގޮތުންވެސް ވާދަވެރި ބަހުސްއެއް ކުރެއްވިއެވެ.

ޕީ.އެސް.އެމްއިން މިފަހަރު ވަކިން ބަހުސެއް ބާއްވަން ނިންމާފައި އޮތްނަމަވެސް އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގެ ވަގުތުތައް ހުރިގޮތުން ބަހުސްގައި ބައިވެރިވެވޭގޮތް ނުވުމުން، ޕީ.އެސް.އެމްއިން ނިންމީ ވަކިން ބަހުސްއެއް ބޭއްވުމުގެ ބަދަލުގައި ސަންގު ޓީވީއާއި ގުޅިގެން ރިޔާސީ ބަހުސް ކުރިއަށްގެންދިއުމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ބްރޯޑްކާސްޓަރުން އިންތިޒާމުކުރާ ކަންކަމުގައި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދިނުމަކީ ލާޒިމްކަމެކެވެ. އެހެންކަމުން، ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން، ބަހުސެއް ބޭއްވިޔަސް، އެހެން ޕްރޮގްރާމެއް އިންތިޒާމް ކުރިނަމަވެސް، ބްރޯޑްކާސްޓަރުން އެކަމެއް ކުރައްވަންވާނީ، ހަމަހަމަ ފުރުސަތު ފަހިވާގޮތެއްގެ މަތީންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ