ޚަބަރު

އިންޑޮނީޝިޔާއާއި އެމެރިކާ ގުޅިގެން ބޮޑު އަސްކަރީ ތަމްރީނުތަކެއް


އެމެރިކާއާއި އިންޑޮނީޝިޔާގެ އެތަކެއް ހާސް ސިފައިން ބައިވެރިވާ ބޮޑު އަސްކަރީ ތަމްރީނުތަކެއް އިންޑޮނީޝިޔާގައި ފަށައިފިއެވެ. މި ތަމްރީނުތައް ބާއްވަނީ "ސުޕަރ ގަރުޑާ ޝީލްޑް"ގެ ނަމުގައެވެ. މި ތަމްރީނުތަކުގެ އަމާޒަކީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ސުލްޙަމަސަލަސް ކަން ދެމެހެއްޓުމަށް އަސްކަރީ ގޮތުން ތައްޔާރީ ހާލަތަކަށް ތަމްރީނުކުރުން ކަމުގައި އެ ދެ ޤައުމުން ބުނެއެވެ.

އިރުމަތީ ޖާވާގެ ރަށެއް ކަމުގައިވާ ބަލުރާންގައި ކުރިއަށްދާ މި ތަމްރީނުތަކުގައި އިންޑޮނީޝިޔާއާއި އެމެރިކާގެ އިތުރުން ފަސް ޤައުމަކުން ސިފައިން ބައިވެރިވެއެވެ. އެ ޤައުމުތަކަކީ އޮސްޓްރޭލިޔާ، ޖަޕާން، ސިންގަޕޫރު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތެވެ.

މީގެ އިތުރުން އޮބްޒަރވަރުންގެ ގޮތުގައި ވެސް މި ތަމްރީނުތަކުގައި ގިނަ ޢަދަދެއްގެ ޤައުމުން ބައިވެރިވެއެވެ. އެއީ ބްރެޒިލް، ކެނެޑާ، ޖަރުމަނުވިލާތް، އިންޑިޔާ، މެލޭޝިޔާ، ނެދަރލެންޑްސް، ފިލިޕީންސް، ދެކުނު ކޮރެޔާ، ނިއު ޒިލެންޑް، އީސްޓް ޓީމޯ، ބްރޫނާއި އަދި ޕަޕުއާ ނިއު ގިނީއެވެ.

އެމެރިކާއިން ފަހަކަށް އައިސް އޭޝިޔާގެ ޤައުމުތަކާ ގުޅިގެން ހިންގާ މި ފަދަ އަސްކަރީ ތަމްރީނުތައް އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އެމެރިކާއިން އިސްވެ އޮވެ މި ފަދަ ތަމްރީނުތައް ބާއްވަމުން މި ދަނީ، އޭޝިޔާ އަދި ޕެސިފިކްގެ ސަރަޙައްދުތަކުގައި ބާރާއި ނުފޫޒު ގަދަކުރަން ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ އެހެން ޤައުމުތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، ބަލުރާންގައި މިހާރު ކުރިއަށްދާ އަސްކަރީ ތަމްރީނުތަކަކީ އެއްވެސް ޤައުމެއްގެ އަމަލުތަކާ ގުޅުވައިގެން ބާއްވާ ތަމްރީނުތަކެއް ނޫން ކަމުގައި ވޮޝިންގްޓަނުން ބުނެއެވެ. މި ތަމްރީނުތަކުގައި އެމެރިކާއިން އެކަނި ވެސް 2,000 އަށްވުރެ ގިނަ ސިފައިން ބައިވެރިވެއެވެ. އަދި، އިންޑޮނީޝިޔާގެ 2,800 ސިފައިން ބައިވެރިވެއެވެ.

އިންޑޮނީޝިޔާގެ އަސްކަރިއްޔާގެ އިސްވެރިޔާ ޔޫޑޯ މަރްގާނޯ ވެސް ވިދާޅުވީ، އަސްކަރީ ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސުލްޙަމަސަލަން ކަމާއި، ހަމަޖެހުން ދަމަހައްޓައި، އެ ސަރަޙައްދުގެ މިނިވަން ކަން ރައްކާތެރި ކުރުން ކަމުގައެވެ.

ހުސްވި 2022 ވަނަ އަހަރު ވެސް "ސުޕަރ ގަރުޑާ ޝީލްޑް"ގެ ނަމުގައި އެމެރިކާއާއި އިންޑޮނީޝިޔާ ގުޅިގެން މި ފަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައިވެއެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ޖެނެރަލް ޗާލްސް ފިން ވިދާޅުވީ، ހުސްވި އަހަރު ބާއްވާފައި ވަނީ ވަރަށް ކާމިޔާބު ތަމްރީނުތަކެއް ކަމަށާއި، މި އަހަރުގެ ތަމްރީނުތައް ވެސް ކާމިޔާބީއަކަށް ހެދުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާނެ ކަމުގައެވެ.