ޚަބަރު

އިޓަލީވިލާތުގައި ރޭލަކުން ޖެހި ފަސް މީހުން މަރުވެއްޖެ


އިޓަލީވިލާތުގެ ތުރީނޯގައި ދުއްވާފައި ދިޔަ ރޭލަކުން ޖެހި ފަސް މީހުން މަރުވެއްޖެއެވެ. ތުރީނޯގެ ރަށްބޭރުގައި އޮންނަ ބްރެންދީތްޒޯގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ ރޭލު ދަގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ފަސް މީހުންނެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭގަނޑުގެ ވަގުތުގައެވެ.

އިޓަލީވިލާތުގެ އަލިފާން ނިއްވާ އިދާރާއިން ބުނީ މި ހާދިސާގައި ފަސް މީހުން މަރުވެފައިވާއިރު، އިތުރު ދެ މީހަކު ޒަޚަމުވެފައިވާ ކަމުގައެވެ. އެ ދެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. ރޭލު ދަގަނޑުތައް މަރާމާތް ކުރަމުން ދިޔަ މީހުންގެ ގައިގައި ޖެހިފައި ވަނީ މިލާނޯއިން ފުރައިގެން ތުރީނޯއަށް ދަތުރު ކުރަމުންދިޔަ ރޭލެކެވެ. އެ ވަގުތު ރޭލު ދުއްވާފައި ގޮސްފައި ވަނީ ގަޑިއަކު 160 ކިލޯމީޓަރުގެ ބާރު ދުވެލީގައެވެ.

މި ހާދިސާ ހިނގި ވަގުތު ރޭލުގައި އެއްވެސް ފަސިންޖަރުންނެއް ނެތް ކަމުގައި އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް، މަރުވެފައިވާ މީހުންގެ ހަށިތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 22 އަހަރާއި 52 އަހަރުގެ މީހަކު ހިމެނޭ ކަމުގައި އެ ޤައުމުގެ އަލިފާން ނިއްވާ އިދާރާއިން ބުނެއެވެ. މި ހާދިސާއާ ގުޅިގެން މިލާނޯ-ތުރީނޯ ރޭލު ލައިންގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.

އިޓަލީވިލާތުގެ ރޭލު ދަތުރުފަތުރުގެ ނިޒާމު ބަލަހައްޓާ އާރް.އެފް.އައި ކުންފުނިން ބުނީ މި ހާދިސާގައި މަރުވެފައި ވަނީ ރޭލު ދަގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓު އުސޫލުން ހަވާލުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގެ މުވައްޒަފުން ކަމުގައެވެ. މަރުވި މީހުންގެ ޢާއިލާތަކަށް އެ ކުންފުނިން ވަނީ ތަޢުޒިޔާ ފޮނުވާފައެވެ. އަދި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.