ޚަބަރު

ޙައްޖު ކޯޓާ 2000އަށް އިތުރުކުރަން މަސައްކަތްކުރާނަން: މުޢިއްޒު


  • ޙައްޖު ކޯޓާ 2000އަށް އިތުރުކުރައްވާނެކަމަށް

  • ހައްޖަށް ނުދެވި ތިބި މީހުންނަށް އެ ފުރުޞަތު ދެއްވާނެކަމަށް

  • ޙައްޖު ކޯޕަރޭޝަން ހަރުދަނާކުރައްވާނެކަމަށް

ރާއްޖެއިން އަހަރަކު ޙައްޖައް ގެންދެވޭ މީހުންގެ ޢަދަދު 2000އަށް އިތުރުކޮށްދެއްވަން މަސައްކަތްކުރައްވަނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒު މިހެން ވިދާޅުވީ، ޅ.ނައިފަރުގައި ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޢިއްޒު ވިދާޅުވީ، ސަޢުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއަކީ ވަރަށް ގާތް ގުޅުމެއް އޮތް ދެ ޤައުމުކަމަށެވެ. މީގެދަށުން ސަޢުދީ ރަސްގެފާނަން ދަންނަވައިގެން، ރާއްޖެއިން އަހަރަކު ޙައްޖަށް ދެވޭ މީހުންގެ ޢަދަދު އިތުރުކުރަންވަން މަސައްކަތްކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. މި މަސައްކަތް، ސަރުކާރުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނުއްވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރައްވާ ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ޑރ.މުޢުއްޒު ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެދަށުން ޙައްޖަށް ދިއުމަށް އެތަށް ބަޔަކު ރެޖިސްޓްރީކޮށްފައި އެބަތިބިކަމަށެވެ. މިގޮތުން ވަރަށް ދިގުމުއްދަތެއް ވެފައިވާ މީހުން ތިބިކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ، އެ ފަރާތްތަކަށް ޚާއްސަކޮށް އިތުރު ކޯޓާ ހޯދާ، ވީހާވެސް އަވަހަށް ޙައްޖުގެ އަޅުކަން ފުރިހަމަކުރެވޭނެ ގޮތްވެސް ހައްދަވަން މަސައްކަތް ކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން 2 އަހަރުގެ މުއްދަތުގެ ތެރޭގައި މި ބެކް ލޮގް ފިލުވާލަން މަސައްކަތްކުރައްވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

"ވަގުތީ ގިނަ ކޯޓާ ލިބޭތޯ މަސައްކަތްކުރާނަން. އޭރުން މިހާރު ތިބި މީހުން، ދެ އަހަރެއްހާ މުއްދަތުން ޙައްޖުގެ އަޅުކަމަށް ފޮނުވޭނެ." މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުޢިއްޒުވަނީ ނައިފަރުގައި ސަރުކާރުން ކުރިއަށްގެންދަވާނެ މަޝްރޫޢުތައްވެސް އިޢުލާންކުރައްވާފައެވެ. އެގޮތުން މިހާރު އޮތް ހިއްކި ބިމުގައި 400 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ހިންގަވާ، އިތުރު 45 ހެކްޓަރުގެ ބިން އެރަށުން ހިއްކާނެކަމަށް ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ މިހާރު އަތޮޅުތަކުގައި ތަރައްޤީކޮށް، އަގުބޮޑުކޮށް ދޫކުރަމުންދާ ފްލެޓްތަކުގެ އަގު، ރައީސް ޔާމީންގެ ސަރުކާރުގައި ދޫކުރި ފްލެޓްތަކުގެ އަގަށް ތިރިކުރައްވާނެކަމަށެވެ. އެގޮތުން މި އަދު 2000- 3500އާއި ދެމެދުގެ އަގުތަކަކަށް ތިރިކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ޔުޓިލިޓީ ޚިދުމަތްތަކުގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވުމާއި، ކުޅިވަރު ފެސިލިޓީއާއި، އިސްލާމީ މަރުކަޒެއް އަދި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހަދާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަދި އެ އަތޮޅުގެ އެހެން ރަށްތަކުގައިވެސް ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒު ވަނީ ހިންނަވަރުގައި ހޮސްޕިޓަލް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވެފައެވެ.